ހުރިހާ ދާއިރާތަކުގެ ޒުވާނުންގެ ބައިވެރިވުމާއި އެކު ގައުމީ ޒުވާނުންގެ ކޮންފަރެންސް އަންނަ ހޯމަ ދުވަހު ފަށަން ނިންމަެއިފި އެވެ،
“ނޭޝަނަލް ޔޫތު ކޮންފެރެންސް” އަކީ ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑާއި ޔޫތް މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކޮންފަރެންސްއެކެވެ. މިކޮންފަރެންސް މިމަހުގެ 22 އަދި 23 ވަނަ ދުވަހު މާލޭގައި ހުންނަ ޔޫތު ހަބްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، އެކި ދާއިރާތަކުން 93 ޒުވާނުން ބައިވެރިވާނެ އެވެ.
މިއަހަރުގެ ޔޫތު ކޮންފަރެންސްގެ އަމާޒަކީ ޒުވާނުންގެ ހުރި ކަންބޮޑުވުންތައް ބަލާ، އެކަންބޮޑުވުންތަކަށް ވަށާޖެހޭ ހައްލެއް ހޯދުމާއި، ޒުވާނުންގެ ގައުމީ ސިޔާސަތެއް އުކުލަވާލުމަށްޓަކައި ޒުވާނުންގެ ހިޔާލާއި މަޝްވަރާ ހޯދުންކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި ޒުވާނުން ކުރިއެރުވުމަށްޓަކައި މަސައްކަތްކޮށްދިނުމަކީވެސް މި ކޮންފަރެންސްގެ ބޭނުމެއްކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
ޖުމްލަ ހަ މައުލޫއަކަށް ބަހާލައިގެން މިކޮންފަރެންސްގައި ވޯކްޝޮޕްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ, ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެ އެވެ.