ސްވިޒަލޭންޑުގެ މަޝްހޫރު އެއަރލައިން، އެޑަލްވިސްއިން ކުރިއަށް އޮތް ސަމާ މޫސުމާ ދިމާކޮށް ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ނިންމައިފިއެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ހާމަކޮށްފައިވާ ގޮތުގައި، އެޑަލްވިސްއިން މިހާރު ކުރަމުންދާ ދަތުރުތަކުގެ އިތުރުން، ޖުލައި މަހުގެ 4 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ހަފުތާއަކު އިތުރު ދެ ފްލައިޓް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުތައް ކުރުމަށް ތާވަލުކޮށްފައިވަނީ ކޮންމެ ހަފުތާއެއްގެ ބުދަ އަދި ހޮނިހިރު ދުވަހުއެވެ.
މި އިތުރުކުރެވޭ ދަތުރުތަކާއެކު، އެ މުއްދަތުގެ ތެރޭގައި ޖުމްލަ 21 ފްލައިޓް އިތުރަށް ރާއްޖެއަށް އަންނާނެއެވެ. ސްވިޒަލޭންޑުގެ ތިންވަނައަށް އެންމެ ބޮޑު އެއަރލައިން ކަމަށްވާ އެޑަލްވިސްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއަރލައިނެކެވެ.
އެޑަލްވިސްއިން ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ 4 ނޮވެމްބަރު 2000 ގައެވެ. މިއަހަރަކީ އެ އެއަރލައިނުން ރާއްޖެއަށް ދަތުރުކުރާތާ 25 އަހަރު ފުރޭ ރިހި ޔޫބީލް އަހަރެވެ. މި ވޭތުވެދިޔަ ދިގު މުއްދަތުގައި އެ އެއަރލައިނުން ވަނީ މެދުކެނޑުމެއްނެތި ރާއްޖެއާއި ސްވިޒަލޭންޑާ ދެމެދު ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދީފައެވެ.
މި ނިންމުމަކީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ފްލައިޓްތައް އަންނަ ޑިމާންޑް ވަކިވަރަކަށް މަދުވެފައިވާ ދަނޑިވަޅެއްގައި، ރާއްޖެއަށް އަންނަ ފަސިންޖަރުންގެ އަދަދު އިތުރުކުރުމަށް ލިބޭ ބޮޑު ބާރަކަށް ވެގެންދާނެއެވެ. އަދި މިއީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބޭނެ ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.