މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ “އާއިލީ ބޯހިޔާވަހިކަން” ޕްރޮގްރާމުގެ ދަށުން، ގޯއްޗާއި ފްލެޓަށް އެދި މިހާތަނަށް 20،000 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު މުއްތަލިބް ވިދާޅުވީ، ސިސްޓަމަށް މިހާތަނަށް 20،000 އަށްވުރެ ގިނަ ފޯމު ފުރިހަމަކޮށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ހުށަނާޅައި، ފުރުމުގެ މަރުހަލާގައި 16،000 އަށްވުރެ ގިނަ ފޯމު ހުރިކަން ފާހަގަކުރައްވަމުން، މި މުއްދަތު ހަމަވާއިރު ޖުމްލަ 36،000 އެޕްލިކޭޝަން ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
“ޕޮއިންޓް ސިސްޓަމްއަށް ބަދަލު އަންނާނެ އެއްވެސް ކަމެއް ނުކުރަން. އައު ކެޓަގަރީތައް ގެނެސްފައި ހުންނާނެ. 31 މެއި އަކީ އެންމެ ފަހުގެ ތާރީޚް. އެއަށްފަހު އިވެލުއޭޝަންގެ މަސައްކަތްތައް ފަށައިގަންނާނެ.” ވަޒީރު ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން ފޯމު ހުށަހެޅުމުގެ ފުރުޞަތު އަންނަ މޭ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. ރައީސް މުޢިއްޒު އިބްރާހީމްގެ ސަރުކާރުން ހިންގާ މި ބޮޑު މަޝްރޫޢުގެ ދަށުން ޖުމްލަ 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން ކޮންމެ ގޯއްޗަކީ 1,250 އަކަފޫޓުގެ ބިމެކެވެ.
“މާނައަކީ 36،000 ވަރަކަށް އެޕްލިކޭޝަން ލިބޭނެ ކަމަށް އަޅުގަނޑުމެން އަންދާޒާ އެބަ ކުރަން” ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުގެ ސިޔާސަތުގައިވާ ގޮތުން، މާލޭގެ ރަށްވެހިންނަށާއި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް ގޯތި ދޫކުރާނީ ގްރޭޓަރ މާލޭ ސަރަޙައްދާއި އަލަށް ހިއްކާ ރަސްމާލެއިންނެވެ. އަދި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމާލެއިންނެވެ.
މީގެ އިތުރުން، ފްލެޓް ދޫކުރުމަށް ކަނޑައަޅާފައިވާ 7,900 ފްލެޓްގެ ތަފްސީލަކީ:
- މާލޭ ރަށްވެހިންނަށް: 4,000 ފްލެޓް
- މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް: 1,500 ފްލެޓް
- ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް: 2,400 ފްލެޓް
މި މަޝްރޫޢަކީ ރައްޔިތުންނަށް ލުއިފަސޭހަ މަގަކުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މަސައްކަތެކެވެ. އެގޮތުން، ދެމަފިރިންކުރެ އެކަކުގެ ނަމުގައި ގޯއްޗެއް އޮތް ނަމަވެސް، އަނެކާއަށް ކުރިމަތިލެވޭނެ ޚާއްޞަ އުސޫލުތަކެއް ވަނީ ކަނޑައަޅާފައެވެ. އަދި ކުރީގެ “ބިންވެރިޔާ” ސްކީމުން ޖޮއިންޓްކޮށް ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން، އެ ބިން ދޫކޮށްލާ ފަރާތްތަކަށް ޚާއްޞަކޮށް 2,000 ގޯތި ވަނީ ކަނޑައަޅާފައެވެ.
މިމަހުގެ 1ވަނަ ދުވަހު ވަނީ ޚާއްސަ ކެޓަގަރީއެއް ކަނޑައަޅާ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަކިން ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ. މި ފުރުޞަތަށް ބެލެނިވެރިޔާގެ ނަމުގައި ފޯމު ހުށައެޅޭނެއެވެ. ވީހާވެސް ގިނަ މީހުންނަށް ފޯމު ހުށައެޅުމުގެ ފުރުޞަތު ފަހިކޮށްދީ، އަދި އިތުރުކުރި ކެޓަގަރީތަކަށް ވަގުތު ދިނުމުގެ ގޮތުން މި ސްކީމްތަކަށް މިހާރު ފޯމު ހުށައެޅުމަށް ހުޅުވާލާފައިވާ މުއްދަތު މެއި މަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ.
މި މަޝްރޫޢުގެ މަޤްޞަދަކީ މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ވެސް އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ ފަދަ ބޯހިޔާވަހިކަމެއް ކަށަވަރުކޮށްދިނުން ކަމަށް ސަރުކާރުން ހާމަކުރެއެވެ.