ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަނާލުގައި ނިޔާވި އަންހެން މީހާ މަރުވުމުގެ ކުރިން ފުލުހުންނަށް ގުޅަން މަސައްކަތް ކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެ އެވެ.
މި މައްސަލައާ ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވަޒީރު އިޙްސާން ވިދާޅުވީ، މި މަހުގެ 20 ވަނަ ދުވަހުގެ ރޭ 8:40 ހާއިރު އެ އަންހެން މީހާގެ ފަރާތުން ފުލުހުންގެ ވިކްޓިމް ސަޕޯޓްގެ ވައިބާ ނަންބަރަށް މެސެޖެއް ލިބުނު ކަމަށެވެ. އަދި 8:49 އާ ހަމައަށް ވިކްޓިމް ސަޕޯޓުން އޭނާއަށް ޖަވާބު ދެމުންދިޔަ ކަމަށާއި، އޭނާގެ ފަރާތުން އެންމެ ފަހުން މެސެޖެއް ލިބުނީ އެރޭ 8:50 ގައި ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، އޭނާ ރަނގަޅު ކަމަށާއި ބޭރަށް ދާ ކަމަށް ބުނެ 8:56 ގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ވިކްޓިމް ސަޕޯޓްގެ ވައިބާ ނަންބަރަށް މެސެޖުކޮށްފައިވެއެވެ. އަދި އެރޭ ދަންވަރު 12:38 ގައި ވިކްޓިމް ސަޕޯޓަށް އޭނާ މެސެޖު ކުރުމުން، 3 މިނެޓު ތެރޭގައި ފުލުހުން ޖަވާބު ދީފައިވާ ކަމަށާއި، މިއީ އެ ފަރާތާއި ފުލުހުންނާ ދެމެދު ހިނގި އެންމެ ފަހުގެ މުއާމަލާތް ކަމަށް ވަޒީރު ވިދާޅުވިއެވެ.
“ނަފްސާނީ ކަންކަން ހިމެނޭފަދަ މައްސަލަތަކުގައި ވަރަށް ބޮޑަށް އެދެން ހަގީގަތާ ޚިލާފު ވާހަކަތައް ނުފެތުރުމަށް. މީގެ ސަބަބުން މިވަގުތު މިފަދަ ކަންކަން ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ވަރަށް ބޮޑަށް އަސަރު ކުރަމުންދޭ އަދި ހަމައެއާއެކު މި ހާދިސާތައް ދިމާވެފައި ހިތާމަތައް ދިމާވެފައިވާ އާއިލާތަކަށް ނުހަނު ހިތާމަތައް ލިބިގެންދޭ” ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ
މި ހާދިސާ ހިނގި ގޮތުގެ ތަފްސީލް ދެއްވަމުން ވަޒީރު ވިދާޅުވީ، ވިކްޓިމް ސަޕޯޓުން ފޮނުވި މެސެޖަށް އަންހެން މީހާ ޖަވާބު ނުދީ އޮފްލައިންވުމުން، ދަންވަރު 1:03 ހާއިރު ފުލުހުންގެ ކޮމާންޑް ސެންޓަރަށް ގުޅައި އެތަނަށް ފުލުހުން ފޮނުވުމަށް އެދިފައިވާ ކަމަށެވެ. ފުލުހުން 1:08 ހާއިރު ދަނާލަށް ވަދެފައިވާއިރު، އެ އަންހެން މީހާ އޮތް ކޮޓަރި ދެނެގަނެވުނީ 1:32 ހާއިރު ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން އަމަލުކޮށްފައިވާ ގޮތް ބެލުމަށް އެތެރޭގެ ރިވިއުއެއް ހިންގުމުގެ އިތުރުން، މިނިވަން މުއައްސަސާތަކުންވެސް މި މައްސަލަ ބަލަމުންދާނެ ކަމަށް ވަޒީރު އިޙްސާން ވިދާޅުވިއެވެ.