މާލޭގެ އުތުރު ފަރާތުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފަސްވަނަ ސެގްމެންޓްގެ މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާ ކަން އެމްޓީސީސީން ހާމަކޮށްފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ، ސެގްމެންޓް 5 ގައި ހިމެނޭ ފެނާއި ނަރުދަމާގެ މައި ހޮޅި އެޅުމުގެ މަސައްކަތާއި، ސެޓްލްމަންޓް ޓޭންކްތައް ބެހެއްޓުމުގެ މަސައްކަތް މިހާރު ވަނީ ކާމިޔާބުކަމާއެކު ނިންމާލެވިފައި ކަމަށެވެ.
މިހާރު ކުރިއަށްދާ މަސައްކަތްތަކަށް ބަލާއިރު، ނަރުދަމާ ނިޒާމު އަޕްގްރޭޑް ކުރުމާއި، އެއްގަމު ތޮށި ކައިރީގައި ކާބްސްޓޯން ޖެހުމުގެ އިތުރުން، ކޭބަލް ޖަންކްޝަންތަކާއި ފެން ހިންދާ ކެޗްޕިޓްތައް ބެހެއްޓުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ދަނީ ކުރިއަށެވެ. އެމްޓީސީސީން ލަފާކުރާ ގޮތުގައި މި މަސައްކަތްތައް މި ހަފުތާގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެއެވެ. އަދި އަންނަ ހަފުތާގެ ތެރޭގައި މަގުގެ ސަބް-ބޭސް ތައްޔާރުކުރުމާއި، އޭބީސީ ފަށަލަ އެޅުމަށްފަހު ތާރު އެޅުމުގެ އަމަލީ މަސައްކަތް ފެށުމަށް ވަނީ ތާވަލުކުރެވިފައެވެ.
ތާވަލާ އެއްގޮތަށް މި މަސައްކަތްތައް މި ހަފުތާގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ލަފާކުރެއެވެ.

މީގެ އިތުރުން، މަޝްރޫޢުގެ ސެގްމެންޓް 2، 3، އަދި 4 ގެ މަސައްކަތްތައްވެސް ބާރުދުވެލީގައި ކުރިއަށްދާކަން އެ ކުންފުނިން ފާހަގަކުރެއެވެ. އެގޮތުން މި ސަރަހައްދުތަކުގައި ޝީޓް ޕައިލް ކުރުމުގެ މަސައްކަތުގެ 47 އިންސައްތަ ނުވަތަ 243 މީޓަރުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 9 އޭޕްރިލް 2024 ގައި އެމްޓީސީސީއާ ޙަވާލުކުރި މަޝްރޫޢެކެވެ. މިދިޔަ އޮގަސްޓް މަހުގެ 21 ވަނަ ދުވަހު އަމަލީ މަސައްކަތް ފެށި މި މަޝްރޫޢުގެ ދަށުން، ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް ޖުމްލަ 830 މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައި، ހަތަރު ލޭނަށް މަގު ފުޅާކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުގެ ތެރެއިން މިހާތަނަށް ގިނަ ސަރަހައްދުތަކެއް ނިންމައި އާންމުންނަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން އިއްޒުއްދީން ފާލަމުން ފެށިގެން ނޯތު ހާބަރާ ހަމައަށް 380 މީޓަރުގެ ސަރަހައްދެއް މިހާރު ދަނީ ބޭނުންކުރަމުންނެވެ. އަދި ޖުމްހޫރީ މައިދާން ކައިރިން މާރުކޭޓާއި ރަސްމީ ފާލަމާ ދެމެދު ފަޅުން ބައެއް ހިއްކައިގެން ތަރައްޤީކުރި ބައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހުޅުވާފައިވާއިރު، ރަސްމީ ފާލަމުން މަސްމާރުކޭޓާ ހަމައަށް ތަރައްޤީކުރި ބައި މިއަހަރުގެ ފެބުރުވަރީ މަހު ވަނީ އާންމުންނަށް ހުޅުވާލާފައެވެ.
މަގު ހެދުމުގެ މި މަޝްރޫޢުގެ ތެރޭގައި ތާރު އެޅުމުގެ އިތުރުން، ޒަމާނީ ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމާއި، ދުވާރު ހެދުމާއި، ރޯޑް މާކިން ޖެހުމުގެ އިތުރުން ސައިން ބޯޑު ހަރުކުރުމުގެ މަސައްކަތްތައް ހިމެނެއެވެ. މި މަޝްރޫޢު އެއްކޮށް ނިމުމުން މާލޭގެ އުތުރު ފަރާތުގެ ދަތުރުފަތުރަށް ބޮޑު ލުޔެއް ލިބި، މާލޭގެ މަގުތަކުގެ ތޮއްޖެހުމަށް ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.