މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފަށްޓަވައިދެއްވާފައިވާ “ރަސްމާލެ” މަޝްރޫޢުގެ ބިން ހިއްކުމުގެ 50 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށް ބިނާރާ ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބު އިޢުލާން ކުރައްވައިފިއެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގައި މިވަގުތު ހިނގަމުންދާ ބިން ހިއްކުމުގެ އެންމެ ބޮޑު މި މަޝްރޫޢުގެ ދަށުން މިހާތަނަށް 504 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށެވެ. މިއީ ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި އެއްކޮށްލުމުން ލިބޭ ބޮޑުމިނާ ގާތްކުރާ މިންވަރެކެވެ.
“ރަސްމާލެ މަޝްރޫޢުގެ 50 އިންސައްތައަށްވުރެ ބޮޑު ބައެއް މިހާރުވަނީ ހިއްކިފަ. އެއީ 504 ހެކްޓަރު، އެއީ ނިސްބަތުން ބަލާ ކަމުގަ ވަންޏާ ހުޅުމާލެ ދެފޭސް އެއްކޮށްލީމަ އެވަރުގެ ބިމެއް ގާތްގަނޑަކަށް ހިއްކިފަ އެއޮތީ، ބާކީ އޮތްބައި ހިއްކުމުގެ މަސައްކަތް ކުރިއަށްއެބަދޭ”. ވަޒީރު ވިދާޅުވިއެވެ.
ޖުމްލަ 1009 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ މި މަޝްރޫޢު ކުރިއަށްގެންދަނީ 11 ސައިޓަކަށް ބަހާލައިގެންނެވެ. މަސައްކަތް ހަލުވިކުރުމުގެ ގޮތުން ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ކަމަށްވާ “ކްރިސްޓަބަލް ކޮލޮން” މިހާރު ދަނީ މި ސަރަހައްދުގައި ބޭނުންކުރަމުންނެވެ. މި ޑްރެޖަރަކީ އެއްފަހަރާ 46,000 އަކަމީޓަރުގެ ވެލި ނެގުމުގެ ޤާބިލުކަން ލިބިފައިވާ އުޅަނދެކެވެ.