ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން ތަރައްގީކޮށްފައިވާ 4،000 ފްލެޓްގެ ކުލިތައް ކުޑަކޮށްދެއްވައިފި އެވެ.
މިކަން ހާމަލުރައްވާފައިވަނީ، ރައީސް ޑރ މުހައްމަދު މުއިއްޒު، ރޭ ހުޅުމާލޭ ދެވަނަ ފިޔވަހީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަހަކަދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ކުރިއަށްއޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހުރިހައި ފްލެޓެއްގެ ކަންކަން ނިމި އެތަންތަން ވެރިފަރާތްތަކާއި ހަވާލުކުރެވޭނެކަމަށެވެ.
އެތަނުން ފްލެޓް ލިބުނު މީހުންގެ އެންމެ ބޮޑު ޝަކުވާއަކީ، އެޑްވާންސާއި، ކުލި ބޮޑުވުންކަން ފާަހަގަކުރައްވާ ރައީސް ވިދާޅުވީ، އެކަމަށް ލުއިތަކެއް ދިނުމަށް ނިންމަވާފައިވާކަމަށެވެ.
އެގޮތުން މެއިންޓަންސްއާއި ކުލި ހިމެނޭހެން 3 ކޮޓަރީގެ ފްލެޓަކުން މަހުން މަހަށް މިހާރު ދައްކަން އޮތް 10،500 ރުފިޔާ، 10،000 ރުފިޔާއަށް ކުޑަކޮށްދެއްވާ، އެޑްވާންސްޑް ޕޭމަންޓްގެ ގޮތުގައި ދައްކަން އޮތް 25،000 ރުފިޔާ، 8،000 ރުފިޔާއަށް ކުޑަކުރެވިގެންދާނެކަމުގައި ރައީސް ވިދާޅުވި އެވެ. އަދި 2 ކޮޓަރީގެ ފްލެޓްތަކުގެ ކުއްޔަށް ދައްކަންޖެހޭ އަގުން 1،000 ރުފިޔާ އުނިކުރެވި މަހުން މަހަށް ދައްކަންޖެހޭ ފައިސާގެ މިންވަރު 7،000 ރުފިޔާއިން 6،000 ރުފިޔާއަށް ކުޑަކުރައްވާނެކަމުގައި ވިދާޅުވި އެވެ.
މީގެއިތުރުން، 2 ކޮޓަރީގެ ފްލެޓްތަކުގެ އެޑްވާންސްޑް ފައިސާގެ ގޮތުގައި ދައްކަންޖެހޭ މިންވަރަކީވެސް އެއް މަހުގެ ކުއްޔަށްވާ ފައިސާ ކަމުގައި ކަނޑައެޅިފައި އޮންނާނެކަމުގައި ވިދާޅުވިއެވެ.
ރައީސް، ފޭސް ދޭއްގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލެއްވީ، އެންމެ ގިނަ ރައްޔިތުންތަކެއްގެ ކަންބޮޑުވުންތަކާ ގުޅިފައިވާ ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމުގެ ދާއިރާއަށެވެ.
އެގޮތުން، ހިޔާ ފްލެޓްތަކުގެ މިލްކުވެރިންނަށް ދެ ލައްކަ ރުފިޔާގެ ޑިސްކައުންޓެއް ދެއްވަން ވިދާޅުވިކަން ތަކުރާރުކުރައްވާ ރައީސް ވިދާޅުވީ، އެކަން އެގޮތަށް ކުރެއްވުމަށް އެޗްޑީސީއަށް އަންގަވާފައިވާކަމަށެވެ. އެކަމަށްޓަކަައި އެގްރީމަންޓަށް ގެންނަ ބަދަލާއެކު، ދެ ލައްކަ ރުފިޔާ އުނިކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކޮށްދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފަ އެވެ. އަދި ފައިސާ ހަލާސް ނުކުރެވި ހުރި ފަރާތްތަކުގެ ތަފްސީލުތައް ލިބިވަޑައިގެންނެވިހާ އަވަހަށް، އެކަމުގައި ކުރިއަށް ދެވޭނެ ގޮތެއްވެސް ބައްލަވާނެކަމުގައި ވިދާޅުވި އެެވެ.
ކުލީގެ މައްސަލަތަކާ ގުޅިގެން ރައްޔިތުން ފާޅުކުރެއްވި ކަންބޮޑުވުންތައް ސީރިއަސްކަމާއެކު ބައްލަވާދެއްވާނެކަމުގައި ރައީސް ވިދާޅުވިއެވެ. މަހުން މަހަށް ފައިސާ ދައްކަންޖެހޭ މިންވަރު، ރައީސްގެ ވައުދުފުޅާ އެއްގޮތަށް ބަދަލުކޮށްދެއްވާނެ ކަމަށާ، ރައްޔިތުން އެދިވަޑައިގަތް ގޮތަށް، މަހުން މަހަށް ދައްކަންޖެހޭ މިންވަރާއި، އަގުގެ މައްސަލަވެސް ހައްލުކޮށްދެއްވޭތޯ ބައްލަވައިދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.