ރާއްޖޭގެ އެންމެ ބޮޑު ސަރުކާރު ކުންފުނި، ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) އިން މިއަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ފާހަގަކޮށްލެވޭ ފަދަ ވިޔަފާރި ކާމިޔާބީތަކެއް ހާސިލްކޮށްފި އެވެ.
ކުންފުނިން އާންމުކޮށްފައިވާ ތިންމަހުގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި، ޖެނުއަރީ އިން މާޗް މަހުގެ ނިޔަލަށް ކުންފުންޏަށް ޖުމްލަ 5.5 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. ކުންފުނީގެ ވިޔަފާރި ފުޅާވެ، ހާއްސަކޮށް ތެލުގެ ވިޔަފާރި ރަނގަޅުވެ، ބަންކަރިން ހިމެނޭ ގޮތަށް ވިއްކި ތެލުގެ ޢަދަދު 27 އިންސައްތަ ގިނަވުމާ ގުޅިގެން، ކުރީ ކުއާޓަރ، އެބަހީ 2024 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރާ އަޅާ ބަލާއިރު، ކުންފުނީގެ ޖުމްލަ ވަންނަ ފައިސާ 33 އިންސައްތައިން ވަނީ ތިރިން މައްޗަށް ޖެހިލާފަ އެވެ.
ތެލުގެ ވިޔަފާރި ރަނގަޅުވުމުގެ ފަހަތުގައި ހަމައެކަނި ވިއްކި ޢަދަދު ގިނަވުން ނޫންކަންވެސް ހިސާބުތަކުން ހާމަވެ އެވެ. މެދުއިރުމަތީ ސަރަހައްދުގައިހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ތެލުގެ ބާޒާރުގައި ތެލުގެ އަގު ތިރިން ނުބެހެއްޓި، ތެލުގެ ބައިން ލިބޭ ފައިސާ ވެސް ގިނަ ވެގެން ދިޔަ އެވެ. ތެލުގެ ވިޔަފާރީގެ އިތުރުން، ކުންފުނީގެ ދިގު ތާރީހެއް ހިމެނޭ ބޭހާއި، ކެއިން ބުއިމުގެ ބާވަތްތަކާއި، ކޮންސްޓްރަކްޝަން ސާމާނުގެ ވިޔަފާރިންވެސް ލިބޭ ފައިސާ ގިނަ ވެ، ޖުމްލަ ނަތީޖާ ރަނގަޅުވިކަން ކުންފުނިން ވަނީ ފާހަގަ ކޮށްފަ އެވެ.
ހިންގުމުގެ ފެންވަރުގައމުގެ ފެންވަރުގައި ބަލާއިރު، ހަރަދުތައް ވަކި ނިސްބަތަކަށް ބޮޑުވި ނަމަވެސް، ލިބުނު ފައިދާ ހަރަދަށްވުރެ ބޮޑަށް ދިޔަ ތިރިން މައްޗަށެވެ. ހިންގުމުގެ ފައިދާގެ ގޮތުގައި 368 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް ހިސާބުތައް ދައްކަ އެވެ. ކުރީ ކުއާޓަރއާ ބަލާ ކަމަށްވާ ނަމަ، މިއީ 14 އިންސައްތައިގެ ކުރިއެރުމެކެވެ.
ހިންގުމުގެ ފައިދާ ރަނގަޅުވި ވާހަކައިގެ ތެރެއިން، ފައިނޭންސިންގ ހަރަދުތައް ކުޑަ ކުރެވިފައިވާ ކަންވެސް ފާހަގަ ކޮށްލެވެއެވެ. ދަރަންޏާ ގުޅިގެން ދައްކަން ޖެހޭ ފައިސާ ކުޑަ ވުމާ ގުޅިގެން، ޓެކްސް ކެނޑުމުގެ ކުރިން ސާފު ފައިދާ 331 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. ކުރީ ކުއާޓަރ ނިސްބަތުން ބަލާ ކަމަށްވާ ނަމަ، 20 އިންސައްތައިގެ ކުރިއެރުމެއް ހިންގުމުގެ ފެންވަރުގައި ހާސިލްވެފައިވެއެވެ. ޓެކްސްގެ ގޮތުގައި ދެއްކި ފައިސާ ކެނޑުމަށްފަހު، ފުރަތަމަ ކުއާޓަރގެ ސާފު ފައިދާގެ ގޮތުގައި ވަނީ 276 މިލިޔަން ރުފިޔާ ލިބިފައެވެ.
ގްރޮސް ފައިދާ ނުވަތަ ވިޔަފާރީގެ ޖުމްލަ ފައިދާ ބަލާ ކަމަށްވާ ނަމަ، 785 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް ހިސާބުތަކުން ދައްކައެވެ. ކުރީ ކުއާޓަރ، އެބަހީ 2024 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރާ ބަލާ ކަމަށްވާ ނަމަ، ގްރޮސް ފައިދާ 17 އިންސައްތައިން ވަނީ އިތުރުވެފައެވެ.
އެސްޓީއޯއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ އެއް ކުންފުންޏެވެ. ތެލާއި ބޭހުގެ ވިޔަފާރީގެ އިތުރުން، ކޮންސްޓްރަކްޝަން ސާމާނާއި ކެއިން ބުއިމުގެ ބާވަތްތައް ވިއްކުން ހިމެނޭ ގޮތަށް، ގިނަ ދާއިރާތަކެއްގައި ކުންފުނިން ހަރަކާތްތެރިވެއެވެ. ކުންފުނީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ފެތުރިފައިވުމަކީ، ވަކި ދާއިރާއަކަށް ލިބޭ ގެއްލުން އެހެން ދާއިރާތަކުން ފޫބެއްދޭ ފަދަ ވިޔަފާރި ހިންގުމުގެ ނިޒާމެއް ކުންފުންޏަށް ލިބިދޭ ކަމެކެވެ.
ފުރަތަމަ ކުއާޓަރގެ ނަތީޖާ ދައްކާ ގޮތުން، ކުންފުނީގެ ހުރިހާ ދާއިރާތަކެއްގެ ވިޔަފާރި ރަނގަޅުވެ، ކުންފުނި ހިންގުމުގެ ފެންވަރު ވަރުގަދަ ވެފައިވާކަން ހާމަވެއެވެ.