މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1
ބަދަލުވަމުންދާ ޓެކްނޮލޮޖީގެ ދުނިޔޭގައި އާޓިފިޝަލް އިންޓެލިޖެންސް (ެލިޖެންސް (އޭއައި) ބައްޓަންކުރުމަށް ކޮންމެ އަންހެން ކުއްޖެއްގެ ޚިޔާލާއި މަޝްވަރާ ވެސް ހިމެނިފައި އޮތުން ކޮންމެހެން ބޭނުންތެރި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ “ގާލްސް އިން އައިސީޓީ” ދުވަހާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ ވަނީ މީސްމީޑިއާގައި ޕޯސްޓެއް ހިއްސާ ކުރައްވާ ފަންނިއްޔާތުގެ ދާއިރާގައި ކުރިއަށް ދިއުމަށް ކޮންމެ ޒުވާން އަންހެން ކުއްޖަކަށް ވެސް ހިތްވަރު ދިނުމަށް ގޮވާލައްވާފަ އެވެ.
“ތަރައްޤީއަށްޓަކައި ބައްޓަންކުރެވޭ ޓެކްނޮލޮޖީގެ ދުނިޔޭގައި، ކޮންމެ އަންހެން ކުއްޖެއްގެ ޚިޔާލާއި މަޝްވަރާ ވެސް ހިމެނިފައި އޮންނަންޖެހޭ،” ސާޖިދާ ވިދާޅުވި އެވެ.
ސާޖިދާ ވަނީ، ހުރިހާ އެންމެން ޝާމިލްވެ، އެކަކު އަނެކަކަށް އެހީތެރިވެ، ފުރުސަތުތައް ފަހިވާ ފަދަ މާހައުލެއް ޤާއިމްކުރުމަށް ގޮވާލައްވާފަ އެވެ. ހަމައެއާ އެކު، ނިސްބަތުން އަންހެނުން ހަރަކާތްތެރިވުން ދަށް ދާއިރާތަކަށް ކުރިމަތިލުމަށް ހިތްވަރު ދެއްވައި، ހުރި ހުރަސްތައް ގިރާކުރެވޭނީ ހުރިހާ ފަރާތްތައް ގުޅިގެން ކުރާ މަސައްކަތުން ކަމަށް ވެސް ވިދާޅުވި އެވެ.
“ގުޅިގެން ކުރާ މަސައްކަތުން ހުރިހާ އެންމެން ބާރުވެރިކޮށް، ޑިޖިޓަލް މުސްތަޤުބަލަކަށް އައު ޖީލެއް ބިނާ ކުރެވޭނެ،” ސާޖިދާ ވިދާޅުވި އެވެ.
ސާޖިދާ ޕޯސްޓް ނިންމަވާލެއްވީ، ފަންނިއްޔާތުގެ ދާއިރާ ބިނާ ކުރެވޭނީ ހުރިހާ ފަރާތްތަކެއް ގުޅިގެން ކުރާ މަސައްކަތުން ކަމަށް ވިދާޅުވަމުން، ކިޔެވުމުގައި އަންހެން ކުދިންނަށް ވެވެން ހުރި ހުރިހާ ގޮތަކުން އެހީތެރިވެ ދިނުމަށް ގޮވާލައްވަމުންނެވެ.
“ގާލްސް އިން އައިސީޓީ” ދުވަސް ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަ ކުރަނީ ކޮންމެ އެޕްރީލް މަހެއްގެ ހަތަރު ވަނަ ބުރާސްފަތި ދުވަހު އެވެ. ސައިންސާއި ޓެކްނޮލޮޖީ ފަދަ ދާއިރާތަކުގައި ހަރަކާތްތެރިވާ އަންހެނުން އިތުރުކޮށް ބާރުވެރި ކުރުމާ އެކު، ޑިޖިޓަލް ދާއިރާގައި ހުރި ޖިންސީ ތަފާތުކަން ނައްތާލުމަކީ މި ދުވަސް ފާހަގަ ކުރުމުގެ މަޤްޞަދުގައެވެ.