ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްގެ މައްޗަށް ފުލުހުން އެއްވެސް ތަހުގީގެއް ހިންގަމުން ނުދާ ކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު އިހުސާން ވިދާޅުވީ، ނާޒިމްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު މައުލޫމާތުތަކެއް ކަމަށެވެ. އަދި އެފަދަ އެއްވެސް މައްސަލައެއް ފުލުހުން ބަލަމުން ނުދާކަން ވަޒީރު ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
“އެއްވެސް ހަގީގަތެއް އޮތް މައުލޫމާތެއް ނޫން އެއީ. އެއްވެސް ތަހުގީގެއް ނުހިންގަން.” ވަޒީރު އިހުސާން ވިދާޅުވިއެވެ
ނާޒިމްގެ މައްޗަށް ތަހުގީގެއް ހިންގާ ކަމުގެ އަޑުތައް ގަދަވެފައިވަނީ، މަޖިލީހުގެ އެންމެ ނުފޫޒުގަދަ ދެ ކޮމިޓީ ކަމަށްވާ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އާއި މާލިއްޔަތު ކޮމިޓީން އޭނާ މިދިޔަ ހޯމަ ދުވަހު ވަކިކުރުމާ ގުޅިގެންނެވެ.
މިކަމާ ގުޅޭގޮތުން ނާޒިމް ވިދާޅުވީ އެ ދެ ކޮމިޓީން އޭނާ ވަކިވީ އަމިއްލައަށް އެދިވަޑައިގެން ކަމަށެވެ. އެގޮތަށް އެދިވަޑައިގަތީ ކުރިއަށް އޮތް ދުވަސްތަކުގައި އެ ކޮމިޓީތަކަށް ވަގުތު ދެއްވެން ނެތުމުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އޭގެ ސަބަބެއްގެ ގޮތުގައި ނާޒިމް ވިދާޅުވީ، ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންވެލްތު ޕާލަމެންޓްރީ ގުރޫޕުގެ ބައްދަލުވުމުގެ އިންތިޒާމުތަކުގައި އިސްކޮށް އުޅުއްވަން ޖެހިވަޑައިގަތުމާއި، އަންނަ މަހު އަމިއްލަ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރުގައި ހުންނަވަން ޖެހުމެވެ.
މަޖިލީހުގެ މުހިންމު ކަންކަމުގައި އަބަދުވެސް ވަރަށް ހަރަކާތްތެރިކޮށް ފެންނަ ނާޒިމް މިހާރު އިންނަވަނީ ހަމައެކަނި ދައުލަތުގެ ކުންފުނިތަކާ ބެހޭ އެސްއޯއީ ކޮމިޓީގައެވެ.
މަޖިލީހުގެ އެންމެ ބާރުގަދަ ދެ ކޮމިޓީ ކަމަށްވާ މާލިއްޔަތު ކޮމިޓީ އާއި 241 ކޮމިޓީގައި ނާޒިމް ވަނީ ގިނަ ކަންކަން ހުށަހަޅުއްވައި، އާންމުންގެ ސަމާލުކަމަށް ކަންކަން ގެންނެވުމުގައި މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހުގައި ނުފޫޒުގަދަ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވޭ ނާޒިމްއާ ގުޅޭގޮތުން ފެތުރުނު މި އަޑުތަކަށް ސަރުކާރުން މިވަނީ ސީދާ ޖަވާބެއް ދީފައެވެ.