ގަނާކުރުން ނުވަތަ ބުލީކުރުމުގެ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ޖިނާއީ ފިޔަވަޅު އެޅުމަށްޓަކައި، ބަންޑާރަނައިބުގެ އޮފީހާ ގުޅިގެން ހާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު އިހްސާން ވިދާޅުވީ، ގަނާކުރުމާއި އިޖުތިމާއީ އާންމު މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމަކީ ސަރުކާރުން ނުހަނު އިސްކަންދޭ ކަމެއް ކަމަށެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މިފަދަ އަމަލުތަކުގެ ސަބަބުން މީހުންގެ ފުރާނައަށް ނުރައްކާވާ ހާލަތްތައް މެދުވެރިވަމުންދާތީ، އެއީ ސީރިއަސް ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ބަންޑާރަނައިބުގެ އޮފީހާއެކު މިހާރު ދަނީ މަޝްވަރާ ކުރެވެމުންނެވެ.
“މީހުންގެ ފުރާނައަށް ނުރައްކާވެދާ ފަދަ މިފަދަ ކަންކަމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ބަލައި، އެކަމަށް ދައުވާ ކުރެވޭނެ ގާނޫނީ އޮނިގަނޑެއް ދެނެގަތުމުގެ މަސައްކަތް އަޅުގަނޑުމެން މިދަނީ ކުރަމުން،” ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ގަނާކުރުމުގެ ސަބަބުން މީހުންގެ ފުރާނައަށް ގެއްލުންވާ ފަދަ ހާލަތްތަކުގައި، އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
ރާއްޖޭގެ ތަޢުލީމީ މާހައުލާއި މަސައްކަތުގެ މައިދާނުގައި ވެސް ގަނާކުރުމުގެ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ. އަދި ބައެއް ހާލަތްތަކުގައި މިފަދަ ކަންކަމުގެ ނަތީޖާއެއްގެ ގޮތުން މީހުން އަމިއްލައަށް މަރުވުމުގެ ހާދިސާތައް ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާތީ، މިއީ ރާއްޖޭގައި ވެސް ހައްލުކުރަން ޖެހިފައިވާ ބޮޑު މައްސަލައެއް ކަމަށް ސަރުކާރުން ދެކެއެވެ.
މި ސަރުކާރުން ދަނީ މުޖުތަމައުގެ ރައްކާތެރިކަމާއި އަދަބު އަހުލާގު ހިފެހެއްޓުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ މިފަދަ އިސްލާހީ މަސައްކަތްތަކަށް ބާރުއަޅަމުންނެވެ.
ސަރުކާރުން މިކަމަށް ހާއްސަ ސަމާލުކަމެއް ދީފައި މިވަނީ، ބުލީގެ ޝިކާރައަކަށްވި 18 އަހަރުގެ ކުއްޖަކު މިދިޔަ ހޯމަ ދުވަހު އޭނާ ދިރިއުޅެމުންދިޔަ ދަނާލުގެ ކޮޓަރިތެރޭގައި މަރުވެފައި ހުއްޓާ ފެނުނު ހިތާމަވެރި ހާދިސާއާ ގުޅިގެންނެވެ.