ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲގެ ދައުވަތަކަށް ޕާކިސްތާނުގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް ރާއްޖެ ވަޑައިގެންފިއެވެ.
ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް، ސަރްދާރް އަޔާޒް ސާދިގަށް ވެލާނާ އިންޓަރ ނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އަބްދުއްރަޙީމް އެވެ. މިއީ އެމަނިކުފާނުގެ ދަޢުވަތަކަށް ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ކުރައްވާ 3 ދުވަހުގެ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ޕާކިސްތާނުގެ މަޖިލީހުގެ ރައީސް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒް ހުސައިން މުޙައްމަދު ލަތީފާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މޯލްޑިވްސް-ޕާކިސްތާން ޕާލިމަންޓްރީ ފްރެންޑްޝިޕް ގްރޫޕާ ބައްދަލުކުރައްވާނެއެވެ. އަދި ދާރުލްއާސާރާއި ސަލްމާން މިސްކިތަށް ޒިޔާރަތްކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ރާއްޖެ ވަޑައިގެންފައިވާއިރު މިދިޔަ މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްވެސް ވަނީ ޕާކިސްތާނަށް ޒިޔާރަތް ކުރައްވާފައެެވެ. އެގޮތުން، ޕާކިސްތާނުގައި ކުރިއަށްދިޔަ އިންޓަރ-ޕާލިމެންޓަރީ ސްޕީކާރސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގެން މަޖިލީހުގެ ރައީސް ވަނީ ތަގުރީރުކުރައްވާފައެވެ.