ކޮންމެ ރައްޔިތަކު އެދިލައްވާ ކޮންމެ ކަމެއްވެސް ނިޒާމުގެ ތެރެއިން، ގާނޫނާއި ގަވާއިދާ އެއްގޮތަށް ކޮށްދެއްވާނެކަމަށާ، ކުރެވެމުންދާ ކަންކަމަށްވެސް ވަކީން ބޮޑު އިސްކަމެއްދެއްވައިގެން އެކަންކަން ރަނގަޅުކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރައްޔިތުންގެ ގާތަށް ވަޑައިގެން، ރައްޔިތުންގެ ހިޔާލާއި ޝުއޫރު، އަދި ކަންބޮޑުވުންތައް އަޑުއައްސަވާ، އެކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް ރައީސް އިސްނަންގަވައިގެން ކުރިއަށްގެންދަވާ ސިލްސިލާ މަޝްވަރާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން، މާލޭ ސިޓީގެ ގަލޮޅު އަވަށުގެ ރައްޔިތުންނާއެކު ކުރިއަށްގެންދެވި ބައްދަލުކުރެއްވުމުގަ އެވެ. އިމާދުއްދީން ސްކޫލުގައި ރޭ ކުރިއަށްގެންދިޔަ މަޝްވަރާ ބައްދަލުކުރެއްވުން ފައްޓަވަމުން ރައީސް ވަނީ، ރައްޔިތުންނާއެކު ކުރިއަށްގެންދިޔަ މިފަދަ މަޝްވަރާ ބައްދަލުވުންތަކުގައި ހިއްސާކުރެވިދިޔަ ބައެއް ކަންބޮޑުވުންތަކުގެ ތެރެއިން، އެމަނިކުފާނުގެ ސަރުކާރުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހައްލު ކުރައްވަމުން ގެންދަވާ ބައެއް ކަންކަމަށް އަލިއަޅުއްވާލައްވާފަ އެވެ.
މި މޭރުމުން މައިގަނޑު 2 ކަމެއް ރައީސް ފާހަގަކުރެއްވިއެވެ. ފުރަތަމަ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ، މީގެ ކުރިން އިއުލާންކުރި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން އެއް ކޮޓަރީގެ ފްލެޓް ލިބިފައިވާ ފަރާތްތަކަށް އިތުރު ސްކީމަކަށް ކުރިމަތިނުލެވޭ ގޮތަށް އޮންނަ އޮތުމާ ގުޅިގެން ރައްޔިތުން ފާޅުކުރައްވަމުން ގެންދެވި ކަންބޮޑުވުމަށް ހައްލު ހޯއްދަވައިދެއްވިކަމެވެ. ކުރީގެ ބައްދަލުވުންތަކުގައި ލިބިވަޑައިގެންނެވި ހިޔާލުތަކުގެ ތެރެއިން، ގޯތިގެދޮރުގެ މައްސަލައާއި ގުޅޭގޮތުން މިހާރު އޮތް ޝަރުތުތަކުގެ ތެރެއިން، ކުރީގެ ސްކީމްތަކުން 1 ކޮޓަރި ލިބިފައިވާ ފަރާތްތަކަށް މިހާރު ހުޅުވާލާފައިވާ ސްކީމަށް ކުރިމަތިލެވޭގޮތަށް، އުޞޫލަށް ބަދަލުގެނެވި، ޝަރުތު ހަމަވާނަމަ އެއްކޮޓަރީގެ ފްލެޓް ދޫކޮށްލުމަށްފަހު މިހާރު ހުޅުވާލާފައިވާ 3 ކޮޓަރީގެ އެޕާޓްމަންޓަށް ބަދަލުވުމުގެ ފުރުޞަތު ހުޅުވާލެވިފައި އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދެވަނަކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ، ގިނަ ރައްޔިތުންތަކެއްގެ ކަންބޮޑުވުންތަކާ ގުޅިފައިވާ މަސާޖްޕާލާތަކުގެ މައްސަލައެވެ. އެފަދަ ތަންތަން ބަލާ ފާސްކުރުމުގެ މަސައްކަތަކީ މީގެ ކުރިންވެސް ގަވާއިދުން ކުރެވެމުންދިޔަ ކަމެއްނަމަވެސް، ރައްޔިތުންގެ ކަންބޮޑުވުންތަކާއެކު، ވަކީން ހާއްސަ އިސްކަމެއްދެއްވައިގެން ކުރެއްވި މަސައްކަތުން، ހަފްތާއެއްގެ ތެރޭގައި 52 މަސާޖްޕާލާ ބަންދުކުރެވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މީގެ ތެރެއިން 24 ތަނަކީ މިހާރު ކުރިއަށްދާ އޮޕަރޭޝަންގެ ތެރެއިން ބަންދުކުރެވުނު ތަންތަން ކަމަށާ، ދެން ހުރި ތަންތަނަކީ، މިވަރުގަދަ އޮޕަރޭޝަން ކުރިއަށްދިއުމާއެކު އެބަޔަކު އަމިއްލައަށް ބަންދުކުރި ތަންތަންކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. ހަމަ މިއާއެކު، މި އޮޕަރޭޝަން އަދިވެސް ކުރިއަށްގެންދަވާނެ ކަމުގެ ޔަގީންކަން، ރައީސް ވަނީ ދެއްވާފައެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި ހަރަކާތްތެރިވާ ބިދޭސީންގެ މައްސަލައަކީ ރޭގެ ބައްދަލުވުމުގައިވެސް ގިނަ އަދަދެއްގެ ރައްޔިތުން ފާހަގަކުރެއްވި މައްސަލައަކަށް ވާއިރު، ރައީސް ވަނީ މިކަމަށް ޙައްލު ހޯއްދަވައިދެއްވުމަށް އެމަނިކުފާނު ދެއްވާ ހާއްސަ އަހައްމިއްޔަތު ތަކުރާރުކުރައްވާފަ އެވެ. އެގޮތުން ގަވާއިދާ ހިލާފަށް ރާއްޖޭގައި ބިދޭސީން ހަރަކާތްތެރިވާން އޮތް ފުރުސަތުތައް ބަންދުކުރެއްވުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ކުރައްވަމުންގެންދަވާ މަސައްކަތްތައް ވަރުގަދަ ކުރައްވާފައިވާއިރު، ނުގަވާއިދުން ބިދޭސީން ހިންގަމުންދިޔަ 38 ވިޔަފާރިއެއް، 2 ހަފުތާ ތެރޭގައި ބަންދުކުރައްވާފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.