ރާއްޖެ އާއި އިނގިރޭސިވިލާތާއި ދެމެދު އުފެދިފައިވާ ގުޅުންތައް އިތުރަށް ވަރުގަވެފައިވާ ކަމަށް ނައިބުރައީސް އަލްއުސްތާޒް ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެ އެވެ.
އިނގިރޭސިވިލާތުގެ ރަސްގެފާނު، ހިޒް މެޖަސްޓީ ކިންގް ޗާލްސް (ތިންވަނަ) ގެ އުފަންދުވަސް ފާހަގަކުރުމަށް، މާލޭގައި ހުންނަ އިނގިރޭސި ވިލާތުގެ ހައިކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މި އަހަރަކީ، އިނގިރޭސިވިލާތާއި، ރާއްޖެއާ ދެމެދު، ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ އަހަރު ކަމަށާއި އެގޮތުން ދެމެހެއްޓެނިވި ތަރައްގީއާއި، ސަގާފަތް ދިރުވައި އާލާކުރުމުގެ ބިންގަލުގެ މަތީގައި، ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުންތައް، ދާދި ފަހުން ބޭއްވުނު މަތީ ފަންތީގެ ބައްދަލުވުން ތަކުގެ ތެރެއިން އިތުރަށް ވަރުގަދަ ވެފައިވާ ކަމަށެވެ.
މީގެ ތެރޭގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅާއި، އެމަނިކުފާނު، ކިންގް ޗާލްސްއާއެކު ބޭއްވެވި އެކަހެރި ބައްދަލުވުމާއި، އަދި ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ 27 ވަނަ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވުމަށް، ކުރެއްވި ދަތުރުފުޅުގައި، ހިޒް މެޖަސްޓީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން، ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުމުގެ މައްޗަށް ދެ ޤައުމުންދޭ އަހައްމިއްޔަތުކަން އެމަނިކުފާނު ފާހަގަ ކުރައްވާފައި ވެއެވެ.
މީގެއިތުރުން 1965 ވަނަ އަހަރުގެ ޖުލައިމަހު، ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނުކަމުގެ އެގްރިމެންޓްގައި، ސޮއިކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ބޭނުންކުރެއްވި ދެ ގޮނޑިކޮޅު، ދިވެހި ރާއްޖެއާ ޙަވާލުކުރެއްވުމަކީ، ވިސްނުންތެރިކަމާއެކު އެޅުއްވި ރަމްޒީ ފިޔަވަޅެއްކަން ފާހަގަ ކުރައްވައި، އެކަމަށްޓަކައި ނައިބުރައީސް ވަނީ އިނގިރޭސި ވިލާތުގެ ސަރުކާރަށް ޝުކުރު އަދާ ކުރައްވާފަ އެވެ.
ނައިބުރައީސްގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ، ދެޤައުމަށް ކުރިއެރުމާއި، އަމަން އަމާންކަމާއި، އަދި ދެމެހެއްޓެނިވި ތަރައްޤީގެ ރޮނގުން، ގުޅުން ބަދަހި ކުރުމަށް ދިވެހި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާނެ ކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.