ރިޝްވަތާއި ކޮރަޕްޝަންގައި ފުލުހުން ނުޖެހުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ނަސޭހަތްތެރިވެއްޖެ އެވެ.
41 ވަނަ ފުލުހުންގެ އަސާސީ ތަމްރީން ޕްރޮގްރާމުން ދަސްވެނިވި ހުރިހާ ދަސްވެނިންނަށް އަގުހުރި ނަސޭހަތްތަކެއް މިނިސްޓަރު ވަނީ ދެއްވާފައެވެ. މިނިސްޓަރު ވިދާޅުވީ، މި މާހައުލުގައި ކޮރަޕްޝަން އެބައޮތް ކަމަށާއި މީހުން ފައިސާ ބަހައި އަދި ފައިސާ ދިއްކުރާނެ ކަމަށެވެ. ފުލުހުންގެ ތަމްރީނަށް ފަހު ހިދުމަތާއި ގުޅޭ އޮފިސަރުން ވެސް އެންމެ އިސްކަމެއް ދޭންވާނީ ރާއްޖޭގައި ކުރާ ބޮޑެތި ކުށްތަކާ ދެކޮޅަށް މަސައްކަތްކޮށް، ރައްޔިތުން އެދޭ މިންވަރަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށް އިހުސާން ވިދާޅުވި އެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ ފުލުހުންގެ އަސާސި ތަމްރީންގެ އެންމެ ޝަރަފުވެރި ވަނަ ފުރަތަމަ ފަހަރަށް، އަންހެން ފުލުހަކަށް ލިބުމަކީވެސް ފުލުހުންގެ ތާރީހް ބަދަލުކޮށްލި ކާމިޔާބިއެއްކަމަށާއި، މިކަމުން ދައްކުވައިދެނީ، އަންހެން ފުލުހުންނަށްވެސް ހަމަހަމަކަމާއެކު ކުރިއަރާ ދިއުމަށް ހުޅުވިފައިވާ ތަނަވަސް ފުރުސަތުތައްކަމަށެވެ.
އަސާސީ ތަމްރީނަށްފަހު ދެން އިސްކަންދޭނީ، ކުށުގެ ވެށީގެ ބޮޑެތި މައްސަލަތަކާ ކުރިމަތިލުމަށް ބޭނުންވާ ހާއްސަ ތަމްރީންތައް ހޯދާ، ދިވެހި މުޖުތަމައު %100 ކުށުގެ ވެށިން ސަލާމަތްވެފައިވާ މުޖުތަމައުއަކަށް ހެދުމަށް ކުރަމުންދާ މަސައްކަތަށްކަމަށެވެ.
ސަރުކާރުގެ ސިޔާސަތު މި ދާއިރާއިން ގެންގުޅެމުންދަނީ މައިގަޑު 4 ސިޔާސަތަކަށެވެ. މިއިން ކޮންމެ ކަމެއް ގޮސް ގުޅެނީ ރައްޔިތުންނަށް ބޭނުންވާ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްކަމަށް މިނިސްޓާރ ވިދާޅުވިއެވެ. ރައްކާތެރިކަމުގެ އިހުސާސު ކޮންމެ ރައްޔިތެއްގެ ހިތުގައި ނުއުފުދޭހާ ހިނދަކު އެ ޢަމާޒަށް ވާސިލު ނުވެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިއިން ކޮންމެ މަސައްކަތެއްގައި ނުރައްކާތެރި މާޙައުލުތަކުގައިވެސް ފުލުހުން ހަރަކާތްތެރިވާންޖެހޭނެކަމަށެވެ. ނަމަވެސް މިއިން ކޮންމެ މަސައްކަތަކީ، ކޮންމެ މާޙައުލަކީ ރައްޔިތު މީހާއަށް ރައްކާތެރި މާޙައުލެއްކަމުގެ އިޙުސާސުކޮށްދިނުމަށް އަދާކުރާ ޤައުމީ ވާޖިބުކަމަށެވެ.
ސަރުކާރު ހަވާލުވިއިރު، އަސާސީ ތަމްރީން ފުރިހަމަ ނުކޮށް ތިބި 1000 އަށްވުރެ ގިނަ ފުލުހުން ތިބި ކަމަށާއި މީގެތެރެއިން މިހާތަނަށް 967 ފުލުހުން ތަމްރީން ފުރިހަމަކޮށްފަވާއިރު، އަންނަ ޖެނުއަރީގައި ފަށާ ބެޗުގައި ބާކީ ތިބި ފުލުހުން ބައިވެރިވާނެކަމަށް މިނިސްޓާރ އަލީ އިޙްސާން ވިދާޅުވިއެވެ.