ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 2.4 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.
ކަސްޓަމްސްއިން ބުނީ އަތުލައިގެންފައިވަނީ، ކެނަބިސް ފަތްކަމަށެވެ. އަތުލައިގަތް މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނަކީ 3 ކިލޯގްރާމް (3050 ގްރާމް) އެވެ. މި ތަކެތީގެ މަގުމަތީ އަގު 2.4 މިލިއަން ދިވެހި ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސް އިން ލަފާކުރެ އެވެ.
މި ތަކެތި އަތުލައިގަތީ މިމަހުގެ 13 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
ކަނޑުގެމަގުން ރާއްޖެއަށް ގެނައި މުދާ ޝިޕްމެންޓަކުން މިފަހުން ވަނީ ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖްވެސް ހޯދާފަ އެވެ. މިއޮޕަރޭޝަންގައި ބަލާފާސްކުރި ޝިޕްމަންޓުގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓާ ފެނިފައި ވެއެވެ. އެގޮތުން ޖުމްލަ 10،800 ވޭޕް ކާޓްރިޖް ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ. މި ވޭޕް ކާޓްރިޖުގެ މަގުމަތީ އަގު 2.7 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސް އިން ލަފާކުރެއެވެ.
މިއީ ވޭޕާއި އިލެކްޓްރޯނިކް ސިނގިރޭޓް ރާއްޖެއަށް އެތެރެ ކުރުން މަނާ ކުރަން ސަރުކާރުން ނިންމި ތާރީހުގެ ފަހުން ކަސްޓަމްސް އިން ހިފެހެއްޓި އެންމެ ބޮޑު ސިޕްމެންޓެވެ.