ފިންގާ ޕްރިންޓް 509 ބިދޭސީއަކު ޑީޕޯޓްކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ، ޑީޕޯޓްކޮށްލާފައި ވަނީ، ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ފިންގާ ޕްރިންޓް ނުދީ ތިބި 509 ބިދޭސީންކަމަށެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޑީޕޯޓްކޮށްލި ބިދޭސީންގެ އަދަދު ވަނީ 9،697 އަށް އަރާފަ އެވެ.
މިސަރުކާރުން ވެރިކަމާ ހަވާލުވިރު ބިދޭސީންގެ މައްސަލަ އޮތީ އަޑި ނޭނގޭހާ ގޯސްކޮށްކަން ފާހަގަކުރައްވާ އިހުސާން ވިދާޅުވީ، 2023 ވަނަ އަހަރުގެ މެއި މަހުގެ ދެވަނަ ދުވަހު ފެށި އޮޕަރޭޝަންގެ ދަށުން މިއަދާ ހަމައަށް 202،000 ބިދޭސީންގެ މައުލޫމާތު ނަގާފައިވާ ކަމަށެވެ. އަދި އޮޕަރޭޝަން ކުރަނގީގެ ދެވަނަ ފޭސްގެ މަސައްކަތް އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ފެށޭނެ ކަމަށް އިހުސާން ވިދާޅުވި އެވެ.
އެ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ 02ވަނަ ދުވަހާ ހިސާބަށް ގާތްގަނޑަކަށް ތިން މަސް ދުވަހުގެ މުއްދަތަކަށް އަޅުގަނޑުމެން މި ހުޅުވާލަނީ ފިންގަރޕްރިންޓް ނެގިފަ ތިބި މީހުންގެ ތެރެއިން ގަވާއިދާ ހިލާފަށް ތިބި މީހުން ގަވާއިދުގެ ތެރެއަށް ގެނައުމުގެ ބޮޑު މަސައްކަތެއް. މިގޮތުން ކުރީގަ އެކިއެކި އެމްޕްލޮޔަރުންނާއި ޖެހިފަ ހުރި މައްސަލަތަކުގަ އެމްޕްލޮޔަރުންނާ ވަކިވެ މަގުމަތީގަ އެއްވެސް ރަސްމީ ވަކި އެމްޕްލޮޔަރަކަށް ނިސްބަތްނުވާ ގޮތަށް އުޅޭ މީހުންނާއި ފިލައިގެން އުޅޭ މީހުންނަށް ގާނޫނީ އިމުގެ ތެރެއިން ސައްހަ ވޯކް ޕާމިޓެއް ހޯދުމަށް މި ތިން މަސް ދުވަހުގެ ފުރުސަތެއް މިދެނީ. މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ މި ތިން މަސް ދުވަހުގެ ތެރޭގައި ސިސްޓަމުގެ ތެރެއިން ކުރިން ނުލިބޭ ލުއިތަކެއް އެމްޕްލޮޔަރުންނަށް ލިބިގެންދާނެ ކަމަށެވެ. މި އޮޕަރޭޝަންގެ ފަހު ފޭސްގެ ތިނެއްގެ މަސައްކަތް އަންނަ އަހަރުގެ އޭޕްރީލްއިން ފެށިގެން 2027 ވަނަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށްވެސް ވިދާޅުވި އެވެ.
އިހުސާން ވިދާޅުވި ގޮތުގައި، އެހިސާބުން ރާއްޖޭގައި ގަވައިދާ ހިލާފަށް ބިދޭސީއަކަށް ނޫޅެވޭނެ އެވެ. މިއާއެކު ރާއްޖޭގައި އުޅޭ ކޮންމެ ބިދޭސީއެއްގެ ސައްހަ މައުލޫމާތު އެނގި އަދި ބިދޭސީ މީހާއަށް ޒިންމާވާނެ އެމްޕްލޮޔަރެއް ހުންނާނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.