ދިވެހިން އެދޭ އެދުމަކީ މި އަހަރުގެ ސެންޓްރަލް އޭޝިއާ ވޮލީ ބޯލް އެސޯސިއޭޝަން (ކާވާ) ކަޕް މުބާރާތުގެ ތަށި ގެނައުން ކަމުގައި ނައިބުރައީސް އަލްއުސްތާޒް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ މި މަހުގެ 20 އިން 25 އަށް ބޭއްވުމަށް ހަމަޖެހިފައިވާ “ކާވާ ކަޕް ފޮރ ވިމެން 2025” ގެ ޖަރޒީ ދިވެހި ގައުމީ އަންހެން ވޮލީބޯޅަ ޓީމާއި ހަވާލުކޮށްދެއްވުމަށް މިއަދު މެންދުރުފަހު ޒުވާނުންގެ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ރަސްމިއްޔާތުގައި ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ޖަރޒީތައް ހަވާލުކޮށްދެއްވުމަށްފަހު، ނައިބުރައީސް ވަނީ ޓީމުގެ އެންމެހާ ކުޅުންތެރިންގެ ހުނަރަށް ތައުރީފުކުރައްވައި، އެ ކުޅުންތެރިންނަށް ހިތްވަރުދެއްވައި، ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. އަދި މި މުބާރާތުގައި ދިވެހި ޓީމަށް ސަޕޯޓުކޮށްދެއްވުމަށް އެ މަނިކުފާނު ވަނީ ދިވެހި ލޮބުވެތި ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ނައިބުރައީސްގެ ވާހަކަފުޅުގައި، މިދިޔަ އަހަރު ކާވާ ކަޕްގައި ދިވެހި ޓީމުން ކުޅުނު ގިނަ އަދަދެއްގެ މެޗުތަކެއް ބައްލަވާލެއްވުމުގެ ނަސީބު ލިބިވަޑައިގެންނެވިކަމުގައި ވިދާޅުވިއެވެ. އަދި އެ މުބާރާތުގެ ފައިނަލް މެޗުގައި ދިވެހި ޓީމުން ދެއްކި ހިތްވަރުގަދަ މޮޅު ކުޅުން ބައްލަވައިލެއްވުމުގެ ފުރުސަތުވެސް ލިބިވަޑައިގެންނެވިކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި އެ މުބާރާތުގެ ފައިނަލް މެޗުގައި ދިވެހި ސަޕޯޓަރުންގެ ކުރިމަތީގައި އެ ކުޅުންތެރިން ދެއްކި އާދަޔާ ޚިލާފު ހުނަރުވެރި ކުޅުމަކީ ދިވެހިންނަށް މިހާރު މިފަދަ މުބާރާތެއްގައި ތަށި ހައްޤުވާ މިންވަރުގެ ކުޅުމެއްކަމުގައި ވިދާޅުވެ، މި އަހަރުގެ މި މުބާރާތުގައި ދިވެހިން އެދޭ އެދުމަކީ އެފަދަ މޮޅު ކުޅުމެއް ދައްކައި، ތަށި ގެނައުން ކަމުގައި އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ނައިބުރައީސްގެ ވާހަކަފުޅުގައި، ދިވެހި ސަރުކާރުން ވޮލީބޯޅަ ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް، ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުންގެންދަވާ ކަމަށާއި މިކަމުގައި ދެއްވަންޖެހޭ ހުރިހާ އެއްބާރުލުމެއް އެސޯސިއޭޝަނަށް ދެއްވަމުން ގެންދަވާނެކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި ރާއްޖޭގައި މި ކުޅިވަރު ތަރައްގީކޮށް، ކުރިއެރުވުމަށްޓަކައި އަދި އިތުރު ޒުވާން ކުޅުންތެރިން މިކުޅިވަރުގެ ތެރެއަށް ޝައުގުވެރިކޮށް، ހުނަރުވެރި ކުޅުންތެރިން ހޯދުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދުވަހަކުވެސް ވޮލީކޯޓުތައް ނޭޅޭ ފެންވަރަށް ކޯޓުތައް އެޅުމާއި އަދި ކުޅުންތެރިން އުފެއްދުމަށްޓަކައި ދޭންޖެހޭ ސަޕޯޓު އެކިއެކި ޖަމިއްޔާތައް މެދުވެރިކޮށް ކުޅިވަރާ ބެހޭ ވުޒާރާއިން ދެއްވަމުންގެންދަވާކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.