މިނިސްޓްރީ އޮފް ސިޓީސް އެންޑް ލޯކަލް ކައުންސިލްސްގެގެ އަހަރީ މުރާޖާ ފަށައިފި އެވެ.
ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި މުރާޖާ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުހައްމަދު މުޖުތާޒެވެ. އަހަރީ މުރާޖާގެ މައިގަނޑު މަގްސަދަކީ، އެ މިނިސްޓަރީގެ ޑިޕާޓްމަންޓުތަކުން މި ހިނގާ 2025 ވަނަ އަހަރު ކޮށްފައިވާ މަސައްކަތްތަކާއި، ދިމާވި ގޮންޖެހުންތަކާއި އަދި ކުރިއަށް އޮތް 2026 ވަނަ އަހަރަށް ރާވާފައިވާ ކަންކަން ހުށަހަޅައި ދިނުމަށް ކަމަށް މިނިސްޓްރީ އޮފް ސިޓީސް އެންޑް ލޯކަލް ކައުންސިލްސް އިން ބުނެއެވެ.
މި ސެޝަން ފައްޓަވައި ދެއްވައި ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުޖުތާޒު ވިދާޅުވީ، އަހަރީ ޕްލޭން މުރާޖާ ކުރުމަކީ މަސައްކަތް ހަރުދަނާ ކުރުމަށް ލިބޭނެ ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ. މީގެ ސަބަބުން ކުރިއަށް އޮތްތަނުގައި ވުޒާރާގެ ހިންގުން އިތުރަށް ހަރުދަނާ ކުރެވިގެންދާނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާބެހޭ މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވީ، އެ މިިނިސްޓަރީން ކޮންމެ އަހަރު ބާއްވާ އަހަރީ މުރާޖާއަކީ މިިނިސްޓަރީ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް ކުރާ މުހިންމު މަސައްކަތެއް ކަމަށެވެ. މީގެ ސަބަބުން އަހަރުގެ ތެރޭގައި މިނިސްޓަރީގެ މަސައްކަތްތައް ކުރިއަށް ގެންދެވުނު ގޮތް ބަލައި، ކުރިއަށް އޮތްތަނުގައި ރަނގަޅު ކުރަންވީ ކަންކަން ދެނެގަނެ މަސައްކަތްތައް އިތުރަށް ހަލުވި ކުރުުމަށް މަގުފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ، އެ މިނިސްޓަރީ ކޮންމެ މުވައްޒަފަކީވެސް ވަރަށް ހާއްސަ މުވައްޒަފެއް ކަމަށާއި، ވަޒީފާގައި ކުރިއަށް ދިއުމުގެ ފުރުސަތު ކޮންމެ މުވައްޒަފަކަށްވެސް ހުޅުވާލާފައިވާ ކަމަށެވެ. އަދި ވަރުގަދަ އަޒުމެއްގައި، ނަޒާހަތްތެރިކަމާއި ތެދުވެރިކަމާއެކު މަސައްކަތް ކުރާ މުވައްޒަފުންނަށް ކުރިއެރުން ލިބޭނެ ކަމުގެ ޔަގީންކަންވެސް މިނިސްޓަރީ ދެއްވިއެވެ.
އަދަމް ޝަރީފު ވިދާޅުވީ، މިނިސްޓްރީ މަސައްކަތްތަކާއި އޮނިގަނޑަށް ބަދަލު ގެންނަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެގޮތުން، ކޮންމެ މުވައްޒަފެއްގެ ކިބައިގައިވެސް “ޓްރާންސްފޮމޭޝަނަލް ލީޑަރޝިޕް” ކޮލިޓީ އަށަގަތުމަކީ މުހިންމު ކަމެއް ކަމަށާއި، އޭގެ ސަބަބުން މުވައްޒަފުންގެ ހަގީގީ ހުނަރު ދެއްކުމަށާއި އެކަކު އަނެކަކަށް އެހީތެރިވާ މާޙައުލެއް އުފެއްދުމަށް ފުރުޞަތު ފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން އައު އީޖާދުތަކާއެކު މަސައްކަތް ކުރުމުގެ ވިސްނުމާއި، މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރާނެ ބަޔަކަށް މުވައްޒަފުން ހެދުމަށްވެސް މި ލީޑަރޝިޕް މުހިންމު ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މުވައްޒަފުންނަށް ފަހި މާޙައުލެއް ޤާއިމުކުރުމަށް ވުޒާރާއިން މަސައްކަތް ކުރައްވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.