ކުރިއަށްއޮތް 24 ގަޑިއިރުވެސް މެދުރާއްޖެތެރެއާއި އުތުރުގެ ރަށްތަކަށް ވިއްސާރަކުރާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.
މެޓް އޮފީހުން ވަނީ، މި ސަރަހަށްދުތަކަށް ބައެއް ވަގުތުތަކުގައި ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށްފައެވެ. މެޓުން ބުނީ ދެކުނުގެ އަތޮޅުތަކަށް މޫސުން ރަނގަޅު ނަމަވެސް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ކުރާނެކަމަށެވެ.
ވައިޖެހޭނީ މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައިކަމަށާއި، ދެކުނުގެ އަތޮޅުތަކަށް ވައިޖެހޭނީ 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައިކަމަށް މެޓުން ބުނެ އެވެ. މެދުރާއްޖެތެރެއާއި އުތުރުގެ ރަށްތަކަށް ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ދެކުނުގެ ރަށްތަކަށް ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށް ވަނީ ލަފާކޮށްފަ އެވެ.
މެދުރާއްޖެތެރެއާއި އުތުރުގެ ރަށްތަކަށް މިއަދު ބޯކޮށް ވާރޭވެހޭނެއެވެ. އަދި މާދަމާ ކެރީގެ އަސަރުކުރާނެއެވެ. އެއަށްފަހު 3 ދުވަހު މޫސުން ރަނގަޅުވުމަށްފަހު އާދިއްތަ ދުވަހު އަނެއްކާވެސް މެދުރާއްޖެތެރެއާއި އުތުރުގެ ރަށްތަކަށް ވިއްސާރަކުރާނެކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.