އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިތުރުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނެފައިވަނީ، އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމަށް އިތުރު މުއްދަތެއް ދިނުމަށް ސިޔާސީ ޕާޓީތަކުން އެދިފައިވާތީ، އެ ފުރުސަތު މި މަހުގެ 14 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން ފެށިގެން 15 ވާ އާދީއްތަ ދުވަހުގެ ރޭގަނޑު 12:00 އާ ހަމައަށް މިހާރު އިތުރުކޮށްފައިވާ ކަމަށެވެ.
މި އިންތިޚާބުގައި އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް އެދި ސިޔާސީ ޕާޓީތަކުންނާއި، މަދަނީ ޖަމްޢިއްޔާތަކުގެ އިތުރުން އަމިއްލަ ފަރާތްތަކަށްވެސް ފޯމު ހުށަހެޅޭނެއެވެ. ސިޔާސީ ޕާޓީތަކުން ފޯމު ހުށަހަޅަންޖެހޭނީ “ސިމެދަ ޕޯޓަލް” މެދުވެރިކޮށެވެ. އަދި އަމިއްލަ ފަރާތްތަކާއި ޖަމްޢިއްޔާތަކުން ފޯމު ހުށަހަޅާނީ އީސީގެ my.elections.gov.mv ޕޯޓަލް މެދުވެރިކޮށެވެ.
އޮބްޒާވަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި:
- އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސަކަށްވުން.
- ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒުކުރަމުންދާ މީހަކަށް ނުވުން.
- އަމިއްލަ ގޮތުން ނުވަތަ ޖަމްޢިއްޔާއަކުން ކުރިމަތިލާނަމަ، ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި އޮތް މީހަކަށް ނުވުން.
- އީސީގެ އިންތިޚާބީ މަސައްކަތެއްގައި ހަވާލުވެހުރި މީހަކަށް ނުވުން.
- ފާއިތުވި 5 އަހަރު ތެރޭގައި ސުލޫކީ މިންގަނޑާ ޚިލާފުވެގެން ފިޔަވަޅެއް އަޅާފައިވާ ނުވަތަ އިންތިޚާބީ ކުށެއް ސާބިތުވެފައިވާ މީހަކަށް ނުވުން.
އީސީން ބުނި ގޮތުގައި، ކޮންމެ ޕާޓީއަކަށް ނުވަތަ ޖަމްޢިއްޔާއަކަށް ފާސް ދޫކުރެވޭނީ ޖުމްލަ ވޯޓު ފޮށީގެ އަދަދަށްވުރެ 10 އިންސައްތަ އިތުރުނުވާ ގޮތަށެވެ. އަދި ވޯޓުލާ މަރުކަޒެއްގައި އެއްވަގުތެއްގައި ހަރަކާތްތެރިވެވޭނީ ކޮންމެ ފަރާތެއްގެ އެއް އޮބްޒާވަރަށެވެ.
މިހާތަނަށް އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް 1,400 އަށްވުރެ ގިނަ މީހުން ހުށަހަޅާފައިވާއިރު، މޮނީޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް 3,091 ފަރާތަކުން ވަނީ ފޯމު ހުށަހަޅާފައެވެ. އޮބްޒާވަރުންގެ ގޮތުގައި ހަމަޖެހޭ ފަރާތްތަކަށް އެސްއެމްއެސް މެދުވެރިކޮށް އެކަން އަންގާނެ ކަމަށާއި، ފާސް ޑައުންލޯޑް ކުރެވޭނެ އިންތިޒާމުވެސް ޕޯޓަލް މެދުވެރިކޮށް ހަމަޖެހޭނެ ކަމަށް އީސީން މަޢުލޫމާތުދެއެވެ.