މިއަހަރުގެ ރަމަޟާން މަހުގެ ފިތުރު ޒަކާތް ގޮވާމުގެ ބާވަތްތަކުން ބަލައިގަންނަން ފަށައިފި އެވެ.
ޒަކާތު ހައުސްއިން ހާމަކުރައްވާފައިވާ ގޮތުގައި، ގޮވާމުން ޒަކާތް ބަލައިގަތުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވަނީ މާލޭގައި ހުންނަ ސެންޓަ ފޯ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) ގައެވެ. މި ފުރުސަތު މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.
ޒަކާތް ބަލައިގަންނާނެ ވަގުތުތައް:
ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 14، 15، 16 އަދި 18 ވަނަ ދުވަހުއެވެ. އެގޮތުން:
- 14 އަދި 15 ވަނަ ދުވަހު: ހެނދުނު 10:00 އިން މެންދުރު 12:00 އަށް.
- 16 އަދި 18 ވަނަ ދުވަހު: ހެނދުނު 10:00 އިން މެންދުރު 12:00 އަށް، އަދި މެންދުރުފަހު 13:00 އިން 15:00 އަށް.
އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކަށް ޚާއްޞަކޮށް، ނަގުދު ފައިސާ އަދި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަން ފަށައިފިއެވެ. އެގޮތުން މާލޭގައި، އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޤާއިމުކޮށްފައިވާ، ކައުންޓަރުތަކުން މިއަދު ވަނީ ޒަކާތް ބަލައިގަންނަން ފަށައިފައެވެ. އަތޮޅުތެރޭގެ ރަށްރަށުގައި، އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކުން ފިޠުރު ޒަކާތް ދައްކާނީ އެ ރަށެއްގެ ލޯކަލް ކައުންސިލު އިދާރާއަށް ގޮސްގެންނެވެ. ނަގުދު ފައިސާއިންނާއި ގޮވާމުން ޒަކާތް ބަލައިގަތުމަށް ކައުންސިލުތަކުން ބޭނުންކުރާނީ އެ ކަމަށް ޓަކައި ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ ފިޠުރު ޕޯޓަލެވެ.
މި ކައުންޓަރުތަކުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ވަގުތުތައް:
- 22 ފެބުރުވަރީން 9 މާރިޗަށް: ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު 10:00އިން 13:00އަށް
- 10 މާރިޗުން 19 މާރިޗަށް: ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހަކު 11:00އިން 14:00އަށެވެ.
މި ފަހަރު އޮންލައިންކޮށް ފިޠުރު ޒަކާތް ދެއްކޭނެ 7 ޕްލެޓްފޯމަކީ:
- ދިރާގު މޯބައިލް އެޕްއާއި ދިރާގު ޕޭ
- އުރީދޫ، އެމް ފައިސާ މޯބައިލް އެޕް
- މޯލްޑިވްސް އިސްލާމިކް ބޭންކުގެ މޯބައިލް އެޕް
- ބޭންކް އޮފް މޯލްޑިވްސްގެ މޯބައިލް އެޕް
- ފަހިޕޭ މޯބައިލް އެޕް
- އަވަސް މޯބައިލް އެޕް
- ބަނޑޭރި ޕޭ ވެބްސައިޓް
މީގެ ތެރެއިން ބަނޑޭރިޕޭއާއި ފަހިޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ވެސް ފިތުރު ޒަކާތް ދެއްކޭނެއެވެ. އެހެން ޕްލެޓްފޯމުތައް މެދުވެރިކޮށް ރަމަޟާން މަހުގެ 27ވަނަ ދުވަހުގެ ހެނދުނު 06:00އާ ހަމައަށް ފިޠުރު ޒަކާތް ދެއްކޭނެއެވެ.
މި ރަމަޟާން މަހު ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ ޢަދަދުތައް:
- އާދައިގެ ހަނޑޫ: 12 ރުފިޔާ
- ތައިލެންޑް ހުދު ހަނޑޫ: 53 ރުފިޔާ
- ރަތް ހަނޑޫ: 96 ރުފިޔާ
- ބާސްމަތީ ހަނޑޫ (އާދައިގެ): 77 ރުފިޔާ
- ބާސްމަތީ ހަނޑޫ (މޮޅު): 109 ރުފިޔާ
- ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 136 ރުފިޔާ
- އާދައިގެ ފުށް: 10 ރުފިޔާ
- އާޓާ ފުށް: 75 ރުފިޔާއެވެ.
ޒަކާތު ހައުސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި ފައިސާގެ ގޮތުގައި 5.4 މިލިޔަން ރުފިޔާ ޒަކާތުގެ ގޮތުގައި ވަނީ ލިބިފައެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހެނީ އެ ބަޔަކު އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް 2.4 ކިލޯއެވެ. ޒަކާތުގެ ގޮތުގައި ބަލައިގަންނާނެ ތަކެތީގެ ތެރޭގައި އާދައިގެ ހަނޑޫ، ތައިލެންޑް ހުދު ހަނޑޫ، ރަތް ހަނޑޫ، ބާސްމަތީގެ ތަފާތު ބާވަތްތަކުގެ އިތުރުން އާދައިގެ ފުށާއި އާޓާ ފުށް ހިމެނެއެވެ.
ފިތުރު ޒަކާތަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ދެއްކުން ވާޖިބު، ދީނުގެ މުހިންމު އަޅުކަމެކެވެ. އޮންލައިންކޮށް ޒަކާތް ދެއްކުމުގެ އިންތިޒާމު ހަމަޖެހިފައިވީ ނަމަވެސް، ގޮވާމުން ޒަކާތް ދައްކަން ބޭނުންވާ ފަރާތްތަކަށާއި އޮންލައިންކޮށް ދެއްކުމަށް ދަތިވާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމަކީ މި އިންތިޒާމުގެ މައިގަނޑު މަގުސަދެވެ.