މ. ވޭވަށުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ އައިސް ޕްލާންޓުގެ އަމަލީ މަސައްކަތް، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ރަސްމީކޮށް ފަށައިފިއެވެ.
މި މަޝްރޫއަކީ ފިޝަރީޒް މިނިސްޓްރީގެ އިރުޝާދުގެ ދަށުން، ރާއްޖޭގެ މަސްވެރިންނަށް ބޭނުންވާ އައިސް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މިފްކޯއިން މައުލޫމާތު ދެއްވާ ގޮތުގައި، މަސައްކަތަށް ބޭނުންވާ ހުރިހާ ސާމާނެއް މިހާރު ވަނީ ސައިޓަށް ގެންގޮސްފައެވެ. އަދި މިހާރު ކުރިއަށްދަނީ އައިސް ޕްލާންޓް އިމާރާތުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތެވެ.
ވޭވަށުގައި ބިނާކުރާ މި އައިސް ޕްލާންޓަކީ ދުވާލަކު 60 ޓަނުގެ ފްލޭކް އައިސް އުފެއްދުމުގެ ގާބިލުކަން ހުންނާނެ ތަނެކެވެ. މީގެ އިތުރުން، 100 ޓަނުގެ އައިސް ރައްކާކުރެވޭނެ ސްޓޯރޭޖް ފެސިލިޓީއެއްވެސް މި މަޝްރޫއުގެ ދަށުން އެ ރަށުގައި ގާއިމުކުރެވޭނެއެވެ. މީގެ ސަބަބުން މ. އަތޮޅާއި އެ ސަރަހައްދުގެ މަސްވެރިންނަށް އައިސް ހޯދުމަށް ކުރަންޖެހޭ ދަތުރުތަކަށް ލުޔެއް ލިބި، މަސްވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 27 ސެޕްޓެމްބަރު 2025 ގައެވެ. މި މަސައްކަތް އެއްކޮށް ނިންމުމަށް ކަނޑައަޅާފައިވަނީ 240 ދުވަހުގެ މުއްދަތެކެވެ.
މި ސަރުކާރުން މަސްވެރިކަމުގެ ދާއިރާގެ އިންފްރާސްޓްރަކްޗަރ ވަރުގަދަކުރުމަށް ކުރަމުންދާ މި މަސައްކަތަކީ، ދެމެހެއްޓެނިވި ގޮތެއްގައި މި ސިނާއަތް ތަރައްގީކޮށް މަސްވެރިންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ކައިރިން ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މިއީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ އިންފްރާސްޓްރަކްޗާ ތަރައްގީކޮށް، މަސްވެރިންނަށް ބޭނުންވާ ހިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ބައެއް ކަމަށް މިފްކޯއިން ވިދާޅުވެއެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ތަރައްގީކުރުމަށް ކުރެވޭ މަސައްކަތުގެ ވެސް ބައެއް ކަމަށެވެ.