މިދިޔަ އޮކްޓޯބަރު މަހު ކުޑަކުދިންނަށް އަނިޔާކޮށްގެން 100 އަށްވުރެ ގިނަ މައްސަލަ ހުށައަޅާފައިވާކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އޮކްޓޯބަރު މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 101 މައްސަލައެއް ރިޕޯޓުކޮށްފައިވެ އެވެ. މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އިހުމާލުވުމުގެ މައްސަލައެވެ. އެގޮތުން މި ބާވަތުގެ 34 މައްސަލައެއް ވަނީ ރިޕޯޓުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ކުދިންނާއި ގުޅޭ 18 މައްސަލައަކާއި އަންހެން ކުދިންނާއި ގުޅޭ 16 މައްސަލައެ ކެވެ.
ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިންސީ ހާނިއްކައިގެ މައްސަލައެވެ. އެގޮތުން، މި ބާވަތުވެ 23 މައްސަލައެއް އޮކްޓޫބަރު މަހު ވަނީ ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ކުދިންނާއި ގުޅޭ 06 މައްސަލައަކާއި އަންހެން ކުދިންނާއި ގުޅޭ 17 މައްސަލައެކެވެ.
މީގެ ތެރޭގައި:
- ޖިސްމާނީ ހާނިއްކައިގެ 14 މައްސަލަ
- ނަފްސާނީ ހާނިއްކައިގެ 12 މައްސަލަ
- އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 11 މައްސަލަ
- ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 04 މައްސަލަ
- ބްލެކްމެއިލް ކުރުމުގެ 01 މައްސަލަ
- އިންޓަރނެޓް މެދުވެރިކޮށް ކުޑަކުދިންނަށް ޖިންސީ “ގްރޫމިންގް” ކުރުމުގެ 01 މައްސަލަ
- އެކިކަހަލަ ކުށްތަކަށް އަރައިގަންނަ ޖަމާއަތުގައި ކުޑަކުދިން ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 01 މައްސަލަ
ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތަކާއި ގުޅިގެން އޮކްޓޫބަރު މަހު ރިޕޯޓުކޮށްފައިވަނީ އަންހެން ކުދިންގެ 53 މައްސަލައަކާއި ފިރިހެން ކުދިންގެ 48 މައްސަލައެކެވެ.
އޮކްޓޫބަރު 31 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބީ ޖުމްލަ 155 ކުދިންނެވެ. އޭގެތެރޭގައި ހިމެނެނީ 84 ފިރިހެން ކުދިންނާއި 71 އަންހެން ކުދިންނެވެ.
އޮކްޓޫބަރު މަހު ދައުލަތުގެ ބެލުމުގެ ދަށުގައިވާ 02 ކުއްޖަކުވަނީ އާއިލާތަކާއި ރީއިންޓެގްރޭޓް ކޮށްފަ އެވެ. އަދި 02 ކުއްޖަކު ފޯސްޓަރ އާއިލާތަކާއި ހަވާލުކޮށްފައި ވެއެވެ.