އިމާމުން ތާޒާކުރުމުގެ ޕްރޮގުރާމްގެ ތެރެއިން މިއަހަރު 738 އިމާމުންނަށް ތަމްރީންދީފައިވާކަމަށް އިސްލާމިކް މިިނިސްޓަރު ޑރ މުއްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މީސްމީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޝަހީމް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިމާމުން ތާޒާކުރުމުގެ ޕްރޮގުރާމް ކުރިއަށްގެންގޮސްފައިވާއިރު، މާލެ ސަރަހައްދުގެ އިމާމުންނަށް ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި ޖުމުލަ 738 އިމާމުންނަށް ތާޒާކުރުމުގެ ޕްރޮގްރާމް ހިންގާފައިވާކަން ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ އަންނަ އަހަރު މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީއާ ގުޅިގެން އިތުރު ތަމްރީނަށް އިމާމުން މިސްރަށް ފޮނުވޭނެކަމަށާއި އަރަބި ބަސް ކިޔެވުމަށް މޮރޮކޯއަށް ދިއުމުގެ ފުރުސްތުވެސް އިމާމުންނަށް ފަހިކޮށްދެވޭނެ ކަމަށެވެ. މިދިޔަ އަހަރު ވެސް ސައުދީ، ބުރޫނާއި، އިންޑޮނޭޝިޔާ، މެލޭޝިޔާއިން ޖުމުލަ 100 އަށްވުރެ ގިނަ ފުރުސަތުގައި އިމާމުން ބޭރަށް ފޮނުވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އިމާމުން ތާޒާކުރުމުގެ ޕްރޮގްރާމަކީ އިމާމުކަމުގެ ދާއިރާއިން އިތުރު ތަމްރީނު ދިނުމަށްޓަކައި 11 ސަރަޙައްދަކަށް ބަހާލައިގެން މުޅި ރާއްޖޭގެ ދާއިމީ އިމާމުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 9 މާއްދާއެއް ހިމަނައިގެންނެވެ. އެގޮތުން ގުރްއާނާއި ތަޖުވީދުގެ ޢިލްމާއި ތަފްސީރާއި ފިގުހާއި ހަދީޘްގެ އިތުރުން އަޤީދާގެ އިލްމުގެ ދާއިރާއިން އިމާމުންނަށް ބޭނުންވާ މުހިއްމު ކަންކަން އުނގަންނައިދެއެވެ.
ރާއްޖޭގައި ގާތްގަނޑަކަށް 700 އެއްހާ ދާއިމީ އިމާމުން އުޅެއެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ އަމާޒަކީ މިއަހަރުގެ ތެރޭގައި ހުރިހާ ދާއިމީ އިމާމުން ތަމްރީންކޮށް ނިންމުމެވެ.