ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއި ކޮމިޓީގެ މުގައްރިރުކަމުން މާފަންނު މެދު ދާއިރާގެ ޕީއެންސީގެ މެންބަރު އަސްމާ ރަޝީދު ވަކިކޮށްފިއެވެ.
މިކަން އިއުލާންކުރެއްވީ މަޖިލީހުގެ މިއަދުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމުން އަސްމާ ވަކިކޮށް އޭނަ ބަދަލުގައި ކޮމިޓީގެ މުގައްރިރަކަށް ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު އަލީ ހަމަޖައްސާފައިވާ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ގޮތުގައި އެ ބަދަލު ގެނައީ މިދިޔަ މަހުގެ 28 ގަ އެވެ. ނަމަވެސް އެ ބަދަލު ގެނައި ސަބަބެއް ރިޔާސަތުން ހާމައެއް ނުކުރައްވައެވެ.
އަސްމާ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ވަކިކޮށްފައި މި ވަނީ އޭނަގެ ދާއިރާގެ ރައްޔިތުންނަށް މި މަހުގެ 4 ވަނަ ދުވަހުގެ ރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލު ކުރައްވަން ހަމަޖެހިފައިވާތީ ދާއިރާގެ ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކާއި ހިޔާލުައް ހިއްސާކޮށް ދޭން އެދިވަޑައިގެން ފޮނުއްވި މެސެޖަކާ ގުޅިގެން އަސްމާ އަށް ރައީސް ފިޔަވަޅު އަޅާފައިވާ ކަމަށް އަޑު ފެތުރިފައި ވަނިކޮށެވެ.
ދާއިރާގެ ރައްޔިތުންނަށް އަސްމާ ފޮނުއްވި މެސެޖާ ގުޅިގެން މިދިޔަ މަހުގެ 28 ގައި މައާފަށް އެދިވަޑައިގެން ބަޔާނެއް ވެސް ނެރުއްވިއެވެ. އެ ބަޔާނުގައި އޭނަ ވިދާޅުވީ، މެސެޖެއް ފޮނުއްވީ ބައްދަލުވުމުގައި ސީދާ ރައީސަށް ސުވާލު ދެންނެވުމުގެ ފުރުސަތު ލިބިވަޑައިނުގަންނަވާ ބޭފުޅުންގެ ކަންބޮޑުވުންތައް ވެސް ރައީސާ ހަމައަށް ގެންދިއުމަށްޓަކައި ކަމަށާއި މެސެޖާ ގުޅިގެން އޮޅުމެއް އަރާފައިވާ ނަމަ، މާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.