ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ އަދަދު މަދުކުރުމަށް ލާމަރުކަޒީ ގާނޫނު ބަދަލުކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މަޖިލީހުގެ ވަގުތީ ކޮމިޓީން ފާސްކޮށްފިއެވެ.
މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހުއެވެ. މި ބިލު ދިރާސާކުރި މަޖިލީހުގެ ވަގުތީ ކޮމިޓީން ބިލު ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އައުލަބިއްޔަތުންނެވެ.
ބިލު ދިރާސާކުރި ވަގުތީ ކޮމިޓީގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާއިރު، މިއަދު ބާއްވާ މަޖިލީހުގެ ޖަލްސާގައި މި ބިލު ފާސްކުރާނެ ކަމަށް ބެލެވެއެވެ.
ލާމަރުކަޒީ ގާނޫނަށް ގެނެވޭ މައިގަނޑު ބަދަލުތަކުގެ ތެރޭގައި ރަށު ކައުންސިލްތަކުގެ މެންބަރުންގެ އަދަދު ކަނޑައެޅުމުގެ އުސޫލު ބަދަލުވުން ހިމެނެއެވެ. އިސްލާހުތަކުގައިވާ ގޮތުން، ރަށެއްގެ އާބާދީ 2000 އަށް ވުރެ ކުޑަ ނަމަ، އެ ރަށަކުން އިންތިހާބު ކުރާނީ ތިން ކައުންސިލަރުންނެވެ. ނަމަވެސް، 2000 އަށް ވުރެ ބޮޑެތި އާބާދީތަކުން މިހާރު އޮންނަ ގޮތަށް ފަސް ކައުންސިލަރުން ހޮވާނެއެވެ.
ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ އަދަދު ކަނޑައެޅުމުގައި ވެސް ބަދަލުތަކެއް ހިމެނެ އެވެ. އެގޮތުން އާބާދީ 10,000 އާއި 25,000 ދެމެދުގެ ސިޓީތަކަށް މޭޔަރު ހިމެނޭހެން 7 ކައުންސިލަރުން، 25,000 އާއި 50,000 އާ ދެމެދުގެ ސިޓީތަކަށް 11 ކައުންސިލަރުން، އަދި 50,000 އަށްވުރެ އިތުރުނަމަ 15 ކައުންސިލަރުން އިންތިޚާބު ކުރެވޭނެއެވެ.
މީގެއިތުރުން މާލެ ސިޓީއިން އިންތިހާބު ކުރާނީ ރައްޔިތުންގެ މަޖިލީހުގައި އެ ސިޓީތަކުން މެންބަރުން އިންތިހާބު ކުރާ އަދަދަށެވެ. އަދި ފުވައްމުލަކު ސިޓީގެ ކޮންމެ އަވަށަކުން ކައުންސިލަރަކު އިންތިހާބު ކުރާނެ ކަމަށް ވެސް އިސްލާޙުގައި ބަޔާންކޮށްފައިވެއެވެ.
ސިޓީ ކައުންސިލްތަކުގައި އަންހެނުންނަށް ޚާއްސަ ގޮނޑިތައް ކަނޑައެޅުމަށް ހުށަހަޅާފައިވަނީ، ހުރިހާ ދާއިރާއެއް ހަމަހަމަވާ ގޮތަށް ދައުރުވާނެ އުސޫލެއްގެ ދަށުން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ގޮތަކަށެވެ.
ލާމަރުކަޒީ ގާނޫނަށް ގެނެވޭ އިސްލާޙުތަކުގެ ތެރޭގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް އިތުރު ބާރުތަކެއް ދިނުމަށް ޚާއްޞަ މާއްދާތަކެއް ހިމަނާފައިވެ އެވެ. މި ބަދަލުތަކުގެ ދަށުން، ކޮންމެ އިދާރީ ދާއިރާއެއްގައި އެލްޖީއޭގެ އޮފީސްތައް ހިންގުމުގެ ބާރު އެ އިދާރާއަށް ލިބިގެންދެއެވެ.