މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަަށް ފުލުހުން ކުރިއަށްގެންދާ “އޮޕަރޭޝަން އަލިމަގު”ގެ ތެރެއިންް 29 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަަމަށް ފުލުހުން ބުނެފިއެވެ.
“އޮޕަރޭޝަން އަލިމަގު” އާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ، ރާއްޖޭގެ 5 ސަރަހައްދެއްގެ 39 ރަށެއްގައި ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގައި 500 ފުލުހުން ބައިވެރިވި ކަމަށެވެ. އަދި 105 ތަނެއް ބަލައި ފާސްކުރުމަށްފަހު 110 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ.
މި އޮޕަރޭޝަނުގެ ތެރެއިން މި މަހުގެ 1 އިން ފެށިގެން 14 އާ ހަމައަށް 29 ކިލޯ މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.
ފުލުހުން ބުނި ގޮތުގައި މި އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރެއިން 61 މީހުންގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި އެވެ. އަދި ޖުމްލަ 38 ފަރާތެއް ކޯޓަށް ހާޒިރުކޮށް، ފުލުހުންވަނީ ކޯޓުން ބަންދުގައި ބޭތިއްބުމަށް އަމުރުކުރި ފަރާތްތަކުގެ ވަނަވަރުވެސް އާއްމުކޮށްފައެވެ.
މީގެއިތުރުން، މި އޮޕަރޭޝަނުގައި ރެއިޑް ކުރި ތަންތަނުން މަސްތުވާތަކެތީގެ އިތުރުން ފައިސާވެސް ފެނިފައިވެ އެވެ. އެގޮތުން 188،959.84 ރުފިޔާ އެތަންތަނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށްވެސް ބުންޏެވެ.
މި އޮޕަރޭޝަނަކީ މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކާ ދެކޮޅަށް ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް މި އޮޕަރޭޝަން ކުރިއަށްދާނެއެވެ.