ރާއްޖެއަކީ، އަންހެނުންނާއި އަންހެން ކުދިންނަށް ގޭގައާއި، މަސައްކަތުގެ މާހާއުލާއި، މުޖުތަމައު އަދި ޑިޖިޓަލް މަންސަތަކުގައި އަނިޔާއިން ރައްކާތެރި ކަމާއެކު ދިރިއުޅެވޭ ގައުމަކަށް ހެއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ރައީސުލްޖުމުހޫރިއްޔާ، ޑރ. މުހަމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަ ކުރާ އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ދުވަހާއި، އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅު ހަރަކާތްތައް ކުރިއަށް ގެންދާ 16 ދުވަހުގެ ހަރަކާތްތައް ފެށުމާއި ގުޅުވައިގެން މިއަދު ހިއްސާކުރެއްވި މެސެޖެއްގައެވެ.
ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި މެސެޖުގައި، އަންހެނުންނާ، އަންހެން ކުދިންނަށް ކުރާ ހުރިހާ ބާވަތެއްގެ އަނިޔާއިން ސަލާމަތްކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. އެގޮތުން ޓެކުނޮލޮޖީއާއި، އާރޓިފިޝަލް އިންޓެލިޖެންސް، ވަރަށް ހަލުވި މިނެއްގައި، ކުރިއަރާފައި ވުމުގެ ސަބަބުން، މިފަދަ ޒަމާނީ ވަސީލަތްތަކުގެ ޒަރީއާއިން އަންހެނުންނާ، އަންހެން ކުދިން އަނިޔާއަށް ހުށަހެޅޭ މިންވަރު އިތުރުވެފައިވާކަން އެމަނިކުފާނު ފާހަގަ ކުރައްވާފައި ވެއެވެ.
“އަންހެނުންނާ އަންހެން ކުދިންނަށް އަމާޒުކޮށް ޑިޖިޓަލް މަންސަތަކުގައި ކުރާ އަނިޔާ ހުއްޓުވުމަށް އެކުގައި މަސައްކަތް ކުރުމަށް” ގޮވާލާ މި އަހަރުގެ ޝިއާރުން، އަންހެނުންނާ އަންހެން ކުދިންނަށް ޑިޖިޓަލް މަންސަތަކުގެ ޒަރީއާއިން ހުށަހެޅޭ އަނިޔާތަކުން ރައްކާތެރި ކުރުމަށް ބާރު އެޅޭކަމަށާއި، ޓެކްނޮލޮޖީ ވާންޖެހޭނީ، މީހުންނަށް ނުރައްކާތެރި އެއްޗަކަށް ވުރެ ބޮޑަށް، މީހުން ބާރުވެރި ކުރުވާ އެއްޗަކަށް ކަމުގައިވެސް ރައީސުލްޖުމުހޫރިއްޔާ ވިދާޅުވެފައި ވެއެވެ.
ރާއްޖޭގައި، ޤާނޫނީ ގޮތުންނާއި އިދާރީގޮތުން މި ދާއިރާއިން ކުރަމުން ގެންދާ މަސައްކަތްތައް ހަރުދަނާ ކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ޤާނުނުލް ޢުޤޫބާތަށް ޑިސެންބަރު 2024ގައި ގެނެވުނު 6ވަނަ އިސްލާޙުގައި، ސައިބަރ ކުށްތަކަކީ ކޮބައިކަމާ، އަދި އެ ކުށްތަކަށް އަރައިގަންނަ ފަރާތްތަކަށް ދެވޭނެ އަދަބު ތަފުސީލުކޮށް ބަޔާންކޮށްފައިވާކަން ރައީސުލްޖުމުހޫރިއްޔާ ފާހަގަ ކުރައްވާފައި ވެއެވެ. މީގެ އިތުރަށް، އދ.ގެ ކޮންވެންޝަން އެގެއިންސްޓް ސައިބަރ ކްރައިމް ގައި، 2025ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި ދިވެހިރާއްޖެއިން ސޮއިކުރުމަކީ، ބައިނަލްއަޤްވާމީ ފެންވަރުގައި ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ކުރަމުންދާ އަނިޔާ ހުއްޓުވުމަށް އެޅުނު އިތުރުބާރެއް ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.
ރައީސުލްޖުމުހޫރިއްޔާ އިތުރަށް ވިދާޅުވެފައިވަނީ، ޤާނޫނަށް ގެނެވޭ ބަދަލަކުން އެކަނި ނުފުދޭކަމަށާއި، ޑިޖިޓަލް އަނިޔާ އަކީ ކޮބައިކަން އުނގަންނައި ދިނުމާ، އެކަމާބެހޭ ހޭލުންތެރިކަން އިތުރުކުރުމުގައި އެންމެންގެ އެއްބާރުލުމާ އެހީތެރިކަން ބޭނުންވާކަމުގައެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ، ދިވެހި ގައުމު ވާންޖެހޭނީ އެއްބައިވަންތަކަމާ، އޯގާތެރިކަމާއެކު ކުރިޔަށްދާ ޤައުމަކަށް ކަމަށާއި، ކޮންމެ އަންހެނަކު ނުވަތަ އަންހެން ކުއްޖަކަށްވެސް ޖިސްމާނީ ގޮތުންނާއި އަދި ޑިޖިޓަލް މަންސަ ތަކުގައި ރައްކާތެރިކަން އިޙްސާސް ކުރެވެން ޖެހޭނެ ކަމުގައެވެ.
މިކަމާ ގުޅުވައިގެން އެމަނިކުފާނު މީސްމީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެގައި ވިދާޅުވެފައިވަނީ، އަންހެނުންނާ އަންހެން ކުދިންނަށް ލިބެމުންދާ އަނިޔާތައް ހުއްޓުވުމަކީ، ސަރުކާރުން އަހަންމިއްޔަތުކަން ދޭނެ ކަމެއްކަމުގައެވެ. އަދި ބަވަނަ ވެފައިވާ ދުނިޔޭގައި މީސް މީޑިޔާގެ ވަސީލަތްތަކުގެ ބޭނުންކޮށްގެން ކުރަމުންދާ ފުރައްސާރައިގެ މައްޗަށް އަލިއަޅުއްވާލައްވައި، އެމަނިކުފާނު ވަނީ ޓެކްނޮލޮޖީގެ ދާއިރާއިން އަންނަމުންދާ ކުރިއެރުންތަކާއެކު އަންހެނުންނާ އަންހެންކުދިން ބާރުވެރި ކުރުވުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.
ދުވަހާ ގުޅިގެން ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، އެކަމަނާގެ އެކްސް އެކައުންޓުން ހިއްސާ ކުރެއްވި ޕޯސްޓެގައި އަނިޔާލިބިފައިވާ ފަރާތްތަކާ އެކުގައި ހުންނެވިކަން ހާމަކުރައްވައި ވިދާޅުވެފައިވަނީ، ކޮންމެ އަންހެނަކު އަދި އަންހެން ކުއްޖަކަށްވެސް ރައްކާތެރިކަމާ، އަބުރުވެރިކަމާ އަދި މިނިވަންކަމާއެކު އުޅެވޭނެ މާޙައުލެއް އޮންނަން ޖެހޭނެ ކަމަށެވެ. އަދި ޑިޖިޓަލް މަންސަތަކުގައި ފުރައްސާރަ ކުރުމަކީ އާދައިގެ ކަމެއްގެ ގޮތުގައި ބަލައިގަނެވިގެން ނުވާނެ ކަމަށް އެކަމަނާ ވިދާޅުވެފައިވެއެވެ. އެކަމަނާ އިތުރަށް ވިދާޅުވެފައިވަނީ، ޑިޖިޓަލް މަންސަތަކަކީ، އަންހެނުންނާ އަންހެން ކުދިން ބާރުވެރި ކުރުވަންޖެހޭ ތަނެއްކަމަށާ، އެފަދަ މަންސަ ތަކުގައި އަންހެނުންނާ އަންހެން ކުދިންނަށް ފުރައްސާރަ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.
އަންހެނުންނާ އަންހެން ކުދިންނަށް ލިބެމުންދާ އަނިޔާތައް ހުއްޓުވުމުގެ ދުވަހުގެ ގޮތުގައި ބައިނަލް އަޤްވާމީގޮތުން ކޮންމެ އަހަރަކުވެސް ފާހަގަކުރާ ނޮވެންބަރުމަހުގެ 25 ވަނަ ދުވަހަކީ، މިކަމާބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމާ، ސިޔާސަތުތައް ބަދަލުކުރުމަށް އަޑުއުފުލުމާ، އަންހެނުންނާ އަންހެންކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ގޮވާލުމުގެ ހަރަކާތްތައް ހިންގާ 16 ދުވަހުގެ ފެށުން ފާހަގަކުރާވެސް ދުވަހެވެ.