ދަ އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރަރިޒަމް ކޯލިޝަން (އައިއެމްސީޓީސީ) އިން ރާއްޖޭގައި އަސްކަރީ ދެ އިނީޝިއޭޓިވް އިފުތިތާހުކޮށް, ރާއްޖޭގެ ދިފާއީ ވުޒާރާ އާއެކު ތަމްރީން ދިނުމުގެ ޖޮއިންޓް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މާލޭގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އައިއެމްސީޓީސީން ރާއްޖޭގައި އިފުތިތާހު ކޮށްފައިވަނީ އެ ކޯލިޝަންގެ މިލިޓަރީ ޑޮމެއިންގެ ދެ ސްޓެރީޖިކް އިނީޝިއޭޓިވް ކަމަށްވާ “ކޮމްޕިޓެންސް” ނުވަތަ ގާބިލުކަން އަދި ސައިބާގެ ހަރަކާތްތަކެވެ.
މި ރަސްމިއްޔާތުގައި ރާއްޖޭގެ ދާހިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިހުސާން އާއި އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް މޭޖާ ޖެނެރަލް މުހައްމަދު ބިން ސައީދު އަލް މުޣައިދީ އާއި ސިވިލް އަދި އަސްކަރީ އިސްވެރިންނާއި ޑިޕްލޮމެޓުން ބައިވެރިވެވަޑައިގެންނެވިއެވެ.
“ކޮމްޕިޓެންސް” އިނީޝިއޭޓިވްގެ މަގުސަދަކީ, އަސްކަރީ ދާއިރާއިން, ހާއްސަކޮށް ނޭވަލް މައިންއާ ދެކޮޅަށް ރާއްޖޭގެ ކަނޑުގެ ސިފައިންގެ ގާބިލުކަން އިތުރުކުރުމެވެ. އެގޮތުން ނޭވަލް މައިންތަކާ ގުޅޭ މައުލޫމާތާއި އެ ތަކެތީގެ މެކޭނިޒަމްތަކާއި ރައްކާތެރިކަމާއެކު މައިން ނައްތާލުމުގެ އުކުޅުތައް އަދި އެންމެ ޒަމާނީ ސާމާނާއި އެޑްވާންސްޑް ޓެކްނޮލޮޖީ ބޭނުންކޮށްގެން މައިން ހޯދައި އިނީޝިއޭޓިވް އާއެކު މެންބަރު ގައުމުތަކުގެ ގާބިލުކަން ބިނާކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރެވޭނެ އެވެ..އަދި މި ޒަމާނުގެ ސަލާމަތީ މާހައުލަށް ބޭނުންވަނީ ކުރިއަރާފައިވާ އޮޕަރޭޝަނަލް ތައްޔާރީތަކުގެ އިތުރުން ގައުމީ ސަލާމަތް ރައްކާތެރިކުރެވޭނެ ގޮތަށް އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރާ ވަރުގަދަ ސައިބާ ނިޒާމުތަކެކެވެ.
އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ, މިއަދު ސޮއިކުރި އެއްބަސްވުމުން ހާމަކޮށްދެނީ ހުރިހާ ބާވަތެއްގެ ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމާ ދެކޮޅަށް މަސައްކަތް ކުރުމުގައި ރާއްޖެ އާއި އައިއެމްސީޓީސީއާ ދެމެދު އޮތް ވަރުގަދަ ގުޅުން ކަމަށެވެ. އަދި ޓެރަރިޒަމަކީ ބޯޑަރުތައް ނުދަންނަ, އިންސާނުންގެ މެދުގައި ތަފާތުކުރުމެއް ނުގެންގުޅޭ އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ ސަލާމަތާއި މުޖުތަމައުތަކުގެ ހަމަޖެހުން ނުރައްކާ ކުރާ ކަމެއް ކަމަށާއި އެކަމާ ދެކޮޅަށް އެންމެ އެކަށީގެންވާ ގޮތެއްގައި އަދި އެންމެ ވަރުގަދައަށް މަސައްކަތް ކުރެވޭނީ މެންބަރު ގައުމުތަކުގެ އެއްބާރުލުމާއި އެކުވެރިކަން އޮވެގެން ކަމަށް ވިދާޅުވިއެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު އަލީ އިހުސާން ވަނީ އައިއެމްސީޓީސީގެ ފަރާތުން ދިވެހިރާއްޖެއަށް ދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގައި އިފުތިތާހު ކުރި ދެ އިނީޝިއޭޓިވްސް އަކީ ދިފާއީ އަދި ޑިޖިޓަލް ގާބިލުކަން ތަރައްގީކޮށް ރާއްޖޭގެ ސަލާމަތާއި ހަމަޖެހުން ރައްކާތެރިކުރުމުގެ ކުޅަދާނަކަން ވަރުގަދަ ކުރުމަށް އެހީތެރިވެދޭނެ މުހިންމު ވަސީލަތެއް ކަމަށް ވިދާޅުވިއެވެ.
ސައިބާ އިނީޝިއޭޓިވްގެ މަގުސަދަކީ ރާއްޖޭގައި ސައިބާ ނިޒާމުތައް އިތުރަށް ވަރުގަދަކުރުމެވެ. އެގޮތުން މި އިނީޝިއޭޓިވްގެ ދަށުން ޑިޖިޓަލް ރައްކާތެރިކަން, ނުރައްކާތައް ދެނެގަތުން, ސައިބާ ހަމަލާތަކަށް ރައްދުދިނުމުގައި ބޭނުންކުރާ އުކުޅުތައް އަދި ގައުމީ އިންފްރާންސްޓްރަކްޗާގެ ސަލާމަތީ ކަންކަން ވަރުގަދަކުރުން ފަދަ ކަންކަން ހިމެނޭ ހާއްސަ ޕްރޮގްރާމްތައް ހިންގާނެއެވެ.