ރާއްޖެއަށް މުދާ ގެންނަ ހިސާބުން ފެށިގެން އެ ތަކެތީގެ ލިޔެކިއުން ނިންމައި ބަނދަރުން މުދާ ދޫކުރުމާ ހަމައަށް ހޭދަވާ ވަގުތުތައް ކަސްޓަމްސް އިން “ޓައިމް-ރިލީސް ސްޓަޑީ” ސާވޭއެއް ފަށައިފިއެވެ.
މި ސާވޭއަކީ ދުނިޔޭގެ ކަސްޓަމްސް ޖަމްއިއްޔާގެ މިންގަނޑުތަކަށް ފެތޭ ގޮތަށް އެ ޖަމިއްޔާގެ ކަމާބެހޭ މާހިރުންނާ ގުޅިގެން ހިންގޭ ސާވޭއެއް ކަމަށް ކަސްޓަމްސް އިން ބުންޏެވެ. އެގޮތުން މި ސާވޭއަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ހޮނިހިރު ދުވަހުން ފެށިގެން މި މަހުގެ 27 ގެ ނިޔަލަށް ކުރިއަށްދާ އިރު މި މަސައްކަތުގައި ކަސްޓަމްސްގެ އިތުރުން ބަނދަރުތައް ހިންގާ ފަރާތްތަކާއި އިމްޕޯޓް އެކްސްޕޯޓާގުޅޭ ދައުލަތުގެ މުއައްސަސާތަކާއި ކަސްޓަމްސް ބްރޯކަރުން ހިމެނެއެވެ.
ކަސްޓަމްސް އިން ބުނީ މި ސްޓަޑީ އިން އެއްކުރެވޭ މައުލޫމާތުތަކުގެ ތެރޭގައި މުދަލެއް ރާއްޖެއަށް އަންނަ ހިސާބުން އެ މުދާ ބަނދަރަށް ބޭލުމަށް ހޭދަވާ ވަގުތާއި މުދަލުގެ ލިޔެކިއުން ހުށަހެޅުމަށް ހޭދަވާ ވަގުތާއި މުދަލުގެ ލިޔެކިއުން ނިންމުމަށް ހޭދަވާ ވަގުތާއި މުދަލާބެހޭ ގޮތުން ދައުލަތުގެ އިދާރާތަކުން ނިންމަންޖެހޭ ކަންކަން ނިންމުމަށް ހޭދަވާ ވަގުތާއި ކަސްޓަމްސުން ބަލައިފާސްކުރުމަށް ހޭދަވާ ވަގުތު އަދި ބަނދަރުން މުދާ ދޫކުރުމަށް (ގޭޓް އެގްޒިޓް) އަށް ހޭދަވާ ވަގުތުތައްވެސް ދެނެގަނެވޭނެ ކަމަށެވެ.
މީގެ މައިގަނޑު ބޭނުމަކީ ރާއްޖެއަށް މުދަލެއް ގެންނައިރު އެ މުދާ ކްލިއަރކޮށް ދޫކުރުމަށް ހޭދަވާނެ ވަގުތުތައް ދުރާލާ ވިޔަފާރިތަކަށް އެނގިގެން ދިއުމާއި ކަސްޓަމްސް އާއި ބަނދަރުތައް އަދި އިމްޕޯޓް އެކްސްޕޯޓް މުދަލާ ގުޅޭގޮތުން ދައުލަތުގެ ކަމާބެހޭ އިދާރާތަކުގައި އިތުރަށް ހަރުދަނާކުރުމަށް ހުރި ކަންކަން ދެނެގަތުމެވެ.
މިއީ ޓައިމް ރިލީޒް ސްޓަޑީއެއް ކުރިއަށް ގެންދާ ދެވަނަ ފަހަރެވެ. މިކަން އެންމެ ފުރަތަމަ ކުރީ 2021 ގައެވެ.