ދޮންބަންޑާރައިންގެ ހިކުމަތާއި، ހުޝިޔާރުކަމާއި، މި ވަތަންގެ މައްޗަށް އޮތް ކުލުނު ހާމަވި ތާރީހީ ހާދިސާއަށް 3 ގަރުނު ވާން ކައިރިވީ އިރުވެސް، އެ ހަނދާންތައް ޝުކުރުވެރިކަމާއެކު މި ފަސްގަނޑުގައި ދިރިދިރިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ހުރަވީ ދުވަހުގެ ތަހުނިޔާ ދިވެހި ހުރިހާ ރައްޔިތުންނަށް ފޮނުއްވައި ‘އެކްސް’ގައި ހިއްސާކުރެއްވި ޕޯސްޓެ ގައެވެ.
މާލޭގެ އެތައް ތަނެއްގައި ހުޅުޖަހާ، އޭރު ހުންނެވި ރަދުން ރަހީނުކޮށް، ލާއިންސާނީ އެތައް އަނިޔާއެއް ދިވެހީންނަށް ދީ، އަޅުވެތިކަމުގެ ނާމާން ދުވަސްތަކެއް މި ގައުމަށް ގެނައި ހޮޅީންގެ ނުރައްކަލުން ރާއްޖެ މިންޖުކޮށްދެއްވި ހިތްވަރު ގަދަ ގައުމީ ޖިހާދަށް މިއަދަށް 281 އަހަރުވީކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައީސްގެ ޕޯސްޓް ނިންމާލައްވާފައި ވަނީ މިއަދު ފާހަކުރަމުންދާ ފަހުރުވެރި ހުރަވީ ދުވަހުގެ ތަހުނިޔާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވައި މިނިވަންކަމާއި ފާގަތިކަމުގައި ރާއްޖެ އަބަދުމެ ލެހެއްޓެވުން އެދިވަޑައިގެން ދުއާ ދަންނަވަމުންނެވެ.
ހުރަވީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުވެސް ދުވަހާއި ގުޅޭ މެސެޖް އެކްސް މެދުވެރިކުރައްވައި ހިއްސާކުރައްވާފައި ވެއެވެ. އެކަމަނާގެ މެސެޖުގައި ހުރަވީ ދުވަހުގެ ތަހުނިޔާ ރައްޔިތުންނަށް އަރިސްކުރެއްވީ ދޮންބަންޑާރައިންގެ އަގުހުރި ގައުމީ ޖިހާދަށް ފަހުރުވެރިވެ، ޝުކުރާއި ސާބަސް ތަކުރާރު ކުރައްވަމުންނެވެ.
ޖުމާދަލްއާހިރާ މަހުގެ 3 ވަނަ ދުވަހަކީ ހުރަވީ ދުވަހުގެ ގޮތުގައި ރާއްޖޭގައި ފާހަގަކުރާ ދުވަހެވެ. ހުރަވީ ދުވަހުގެ ގޮތުގައި މިދުވަސް ފާހަގަކުރަނީ ޤައުމީ އަބްޠާލުންގެ ޒިކުރާ އަމަލީ ގޮތުން ދިރުވުމުގެ ހިތްވަރު ލިބިގަތުމަށާއި، އެބަތަލުން ގެނެސްދެއްވި މިނިވަންކަމާއި، ގައުމިއްޔަތު ދެމެހެއްޓުމުގެ އަޒުމާއި، ޖޯޝް ދިވެހިންގެ ހިތްތަކުގައި ދިރުވާ ދެމެހެއްޓުމުގެ ގޮތުންނެވެ.