ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުގެ ތެރެއިން ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ނުކުޅެދުންތެރިކަން ހުންނަ 40 ފަރާތަކަށް ވަޒީފާ ހަމަޖައްސައިދީފި އެވެ.
މިކަމަށްޓަކައި މީރުމާގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވަނީ ޕްރޮގްރާމްގެ ތެރެއިން ވަޒީފާ ހަމަޖެއްސި 40 މީހަކަށް އެކަމުގެ ލިޔުން ހަވާލުކޮށްދެއްވާފަ އެވެ.
އެމްޕީއެލުން ބުނީ އެކުންފުނިން ވަޒީފާ ހަމަޖެއްސި 40 މީހުންގެ ތެރޭގައި ކުޅުދުއްފުށި ޕޯޓާއި، ހިތަދޫ ޕޯޓްގެ ވަޒީފާތަކަށް ހަމަޖެއްސި ފަރާތްތައް ހިމެނޭކަމަށެވެ. އެގޮތުން މާލޭ ޕޯޓުން 35 މީހަކަށް ވަޒީދާ ހަމަޖައްސައިދީފައިވާކަމަށް އެމްޕީއެލުން ވަނީ ބުނެފަ އެވެ.
ދައުލަތުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރސަތު ފޯރުކޮށްދިނުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި ހަފްލާގައި ވާހަކަދައްކަވަމުން މެޑަމް ސާޖިދާ ވަނީ ނުކުޅެދުންތެރިކަމާއި ހާއްސަ އެހީތެރިކަން ބޭނުންވާ މީހުންނަށް އަޅާލުމާއި އެމީހުންގެ މުހުތާދުތައް ފިލުވައިދިނުމާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ.
އެމްޕީއެލްއަކީ މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ހަމަޖައްސައިދިން ދައުލަތުގެ ފުރަތަމަ ކުންފުންޏެވެ.