ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އައު ފަސިންޖަރު ޓާމިނަލުން ޖަރުމަނުގެ އެއާލައިނެއް ކަމަށްވާ, ކޮންޑޯއަށް ހިދުމަތް ދޭން ފަށައިފި އެވެ.
އައު ޓާމިނަލުން ކޮންޑޯއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލު އެވެ. ރަސްމިއްޔާތުގައި ކޮންޑޯގެ އިންޓަކޮންޓިނެންޓަލް ސްޓޭޝަންސްގެ އޭރިއާ މެނޭޖަރު ސްޓެފަން މެކްކެނާ އާއި ކޮންޑޯގެ އޭޝިއާ އަދި އިންޑިއަން އޯޝަންގެ ގްރައުންޑް އޮޕަރޭޝަންސްގެ ރީޖަނަލް މެނޭޖަރު ރޮން ޕްލެން އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ކޮންޑޯގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ އެއާލައިނުން ފުރި 302 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފަ އެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި ކޮންޑޯގެ ފުރަތަމަ ފްލައިޓް, DE2320 އިން ރާއްޖެ އައި 277 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
ކޮންޑޯ އިން ރާއްޖެއަށް ދަތުރުތައް ފެށީ 31 އޮކްޓޫބަރު 1981 ގައެވެ. މިއީ ވީއައިއޭގެ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި ޖަރުމަނުގެ ފުރަތަމަ އެއާލައިނެވެ.
ކޮންޑޯ އާއެކު ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި އެއާލައިންތަކުގެ އަދަދު ވަނީ 26 އަށް އިތުރުވެފައެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.