އާންމު ސިއްހަތުގެ ނިޒާމު ވަރުގަދަކުރުމަށް މާލެ ސަރަޙައްދުގައި ގާއިމުކުރި ފުރަތަމަ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރުން ހިދުމަތް ދޭން ފަށައިފި އެވެ.
މި ސެންޓަރު ހުޅުވައި ދެއްވާފައިވަނީ މިމަހުގެ 19 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއެވެ. އައިޖީއެމްއެޗުން ބުނީ މެޑިކަލް ސެންޓަރުން ސިއްހީ އާންމު މައުލޫމާތު ފޯރުކޮށްދިނުމާއި މެޑިކަލް ޗެކަޕްތައް ހެދުމާއި އާންމު ބަލިތަކަށް ބޭސްފަރުވާ ކުރުމުގެ ހިދުމަތްތައް ދޭނެ ކަމަށެވެ. މި ސެންޓަރުގައި އާއްމު ބަލިތަކަށް ފަރުވާ ދިނުމަށް ޖީޕީ ކްލިނިކަކާއި ކުޑަކުދިންގެ ހެލްތު ކްލިނިކާއި ވެލްނެސް ކްލިނިކެއް ވަނީ ގާއިމްކޮށްފަ އެވެ.
އައިޖީއެމްއެޗުން ބުނީ އެ ސެންޓަރުން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ރޭގަނޑު 10 އާ ހަމައަށް ހިދުމަތް ދޭނެ ކަމަށެވެ. އަދި ކޮންމެ ހުކުރު ދުވަހެއްގެ މެންދުރުފަހު 3:30 އިން ރޭގަނޑު 10 އާ ހަމައަށް ހިދުމަތް ދޭނެ ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ.
މި ސެންޓަރުގެ ހިދުމަތް މައިގަނޑު ގޮތެއްގައި ބެހިފައި ވަނީ 3 ބަޔަކަށެވެ. އެއީ، އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމާއި އިތުރުފަރުވާ ބޭނުންވާ ހާލަތްތަކުގައި ހާއްސަ ޑޮކްޓަރުންގެ ލަފާ ހޯދުމާއި ފަސޭހައިން ދެއްކޭ ހާއްސަ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމް ހަމަޖައްސައިދިނުމެވެ. އަދި އާންމު ސިއްހަތު ކުރިއެރުވުމަށް ގައުމީ ފެންވަރުގައި ހިންގަވާ ޕްރޮގްރާމްތައްވެސް މި މަރުކަޒުގައި ކުރިއަށްގެންދަވާނެ އެވެ.
އެގޮތުން، ޗައިލްޑް ހެލްތު ކްލިނިކް މެދުވެރިކުރައްވައި، އެކުދިންގެ ހެދިބޮޑުވުން މޮނިޓަރކޮށް، ވެކްސިން ދިނުން ފަދަ ހިދުމަތްތައް މި ސެންޓަރުން ފޯރުކޮށްދެއްވާނެ އެވެ. ހަމައެއާއެކު ސިއްހީ ރަނގަޅު އާދަތަކަށް ހޭލުންތެރިކަން އިތުރުކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމާއި، ދުންފަތާ ދުރުވުމަށް އެހީވެދޭ ކުލިނިކް ފަދަ ކުލިނިކްތަކުގެ ޚިދުމަތްވެސް މި ސެންޓަރުން ލިބޭނެ އެވެ.
ޖީޕީ ކްލިނިކްގެ ޚިދުމަތްތައް:
• ފެމިލީ މެޑިސިން ޕްރެކްޓިޝަނާއަށް ދެއްކުމުގެ ޚިދުމަތް
• އާންމު ބަލިތަކަށް ފަރުވާ ދިނުން
• ޖީޕީ ޑޮކްޓަރުން ލަފާ ދޭ ޓެސްޓުތައް ހެދުން
• ބޭސް ސިޓީ އައުކުރުން
• ކުދި ޕްރޮސީޖާތައް ހެދުން
• އެކްސްރޭ ނެގުން
• ބޭސް ފިހާރަ
ކުޑަކުދިންގެ ކްލިނިކްގެ ޚިދުމަތްތައް:
• ފަސް އަހަރުން ދަށުގެ ކުދިން، ހެދިބޮޑުވާ މިންވަރު ދެނެގަތުމާއި ޑިވެލޮޕްމަންޓަލް މައިލްސްޓޯންސް ބެލުން
• ތުއްތު ކުދިންނަށް ގާތުން ދިނުމާއި ކެއިންބުއިމާ ބެހޭގޮތުން ބެލެނިވެރިންނަށް އިރުޝާދު ދިނުން
• އުމުރުން 2 އަހަރާއި 5 އަހަރާ ދެމެދުގެ ކުދިންނަށް ވިޓަމިން-އޭ އަދި ބޭސް ދިނުމުގެ ޚިދުމަތް
• ގައުމީ ވެކްސިން ތާވަލާ އެއްގޮތަށް ވެކްސިން ދިނުން
• އިޚްތިޔާރީ ވެކްސިން ޖަހައިދިނުން
ވެލްނެސް ކްލިނިކްގެ ޚިދުމަތްތައް:
• ދަތުރުވެރިންގެ ވެކްސިން ޖެހުމުގެ ޚިދުމަތް
• ދުންފަތާ ދުރުވާން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުން
• ނަފްސާނީ ދުޅަހެޔޮކަމާއި ކައުންސެލިންގެ ޚިދުމަތް
• ދުޅަހެޔޮ އާދަތަކަށް އަހުލުވެރިކޮށް ދިނުން
ބަލިޖެހުމުގެ ކުރިން، ބަލިތަކުން ދިފާޢުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސިއްހީ ސިޔާސަތުގެ މުހިންމު ބަހާއަކަށް ވާއިރު، މިފަދަ އިތުރު 5 ސެންޓަރު މާލެ ސަރަޙައްދުގައި ތަރައްގީކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން މާލޭގައި 3 ސެންޓަރު އަދި ހުޅުމާލޭގައި 2 ސެންޓަރު ތަރައްގީކުރައްވާނެ އެވެ.
ސިއްހީ ދާއިރާ ހަރުދަނާކުރެއްވުމަކީ ރައީސް ހާއްސަ އިސްކަމެއްދެއްވައިގެން ކުރައްވާ ކަމަކަށްވާއިރު، ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ބަޖެޓުގައި އެއް ދާއިރާއަކަށް އެންމެ ބޮޑު އިސްކަމެއްދެއްވާފައިވާ ދާއިރާއަކީވެސް ސިއްހީ ދާއިރާއެވެ.