ފާއިތުވި 3 އަހަރު ބޯންމެރޯ ހެދުމަށް ޒަކާތު ފަންޑުން 24 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެންސްޕާއިން ވަނީ 2023، 2024 އަދި 2025 ވަނަ އަހަރު ޒަކާތު ފަންޑުން ބޯންމެރޯ ހެދުމަށް މާލީ އެހީތެރިކަން ދިނުމާ ގުޅޭ މައުލޫމާތު ހިއްސާކޮށްފައެވެ.
ރާއްޖެއިން ފޯރުކޮށްދޭ ތެލަސީމިއާގެ ފަރުވާގެ ހިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމުގެ އިތުރަށް ހިލޭ ބޯންމެރޯ ޓްރާސްޕްލާންޓް ހެދޭނެ މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން ކޮންމެ އަހަރަކު 10 ކުއްޖަކު ސަރުކާރުގެ އެހީގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ.
އެންސްޕާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޒަކާތު ފަންޑުގެ ހަރަދުގައި ބޯންމެރޯ ޓްރާނަސްޕްލާންޓް ހެދުމަށް 2023 ވަނަ އަހަރު ވަނީ 5 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެއީ 3،851،947.62 ރުފިޔާއެވެ. އަދި 2024 ވަނަ އަހަރު ބޯންމެރޯ ހެދުމަށް 9 މީހަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެއީ 7،303،110.34 ރުފިޔާއެވެ.
މީގެ އިތުރުން ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް 10 މީހަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެއީ ޖުމްލަ 1،513،821.06 ރުފިޔާއެވެ.
ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް ކުދިން ފޮނުވަނީ ޒަކާތު ފަންޑުގެ ދަށުންނެވެ. މިކަމަށްޓަކައި ސިއްހީ ވުޒާރާއާއި އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއާއި ދެމެދުވަނީ 2024 ވަނަ އަހަރު އެއްބަސްވުމެއް އެކުލަވާލާފައެވެ.
އަބާދީގެ ނިސްބަތުން ރާއްޖެއަކީ ތެލަސީމިއާ ކުދިން އެންމެ ގިނަ އެއް ގައުމެވެ. އެހެންކަމުން އެކުދިންނަށް ފޯރުކޮށްދޭ ހިދުމަތް ހަރުދަނާކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން 30 އަހަރުވެފައިވާ ތެލަސީމިއާ ސެންޓަރު ހުރި އިމާރާތް ބައުވުމާއި ގުޅިގެން ސަރުކާރުންވަނީ ހުޅުމާލޭ އޮރެންޖް ހިޔާއަށް ސެންޓަރުގެ ހިދުމަތްތައް ބަދަލުކޮށްފަ އެވެ.
މާލެ ސަރަޙައްދުގައި ތެލަސީމިއާއަށް ހާއްސަ ހޮސްޕިޓަލެއް ތަރައްގީކުރުމުގެ މަސައްކަތްވެސް ދަނީ ކުރައްވަމުންނެވެ. ހަމައެއާއެކު ތެލަސީމިއާ ކުދިންގެ އާބާދީ ކޮންޓްރޯލްކުރުމަށް ސްކޫލް ނިމޭ ހިސާބުން ކޮންމެ ކުއްޖަކީވެސް ތެލަސީމިއާއަށް ޓެސްޓުކުރެވިފައިވާ ކުއްޖަކަށް ހެދުމަށް ނިންމާ އެމަސައްކަތްވެސް ވަނީ ފަށާފައެވެ.