ރިސޯޓް ތަރައްގީކޮށް ހިންގަން އިތުރު 13 ރަށެއް ބީލަމަށް ހުޅުވާލައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި މީގެ ތެރޭގައި ހިމެނެނީ ހއ. އަތޮޅުގެ ފަސް ތަނަކާއި ހދ. އަތޮޅުގެ ވެސް ފަސް ތަނެއްގެ އިތުރުން ށ. އަތޮޅުގެ ތިން ތަނެކެވެ.
މި ތަންތަނުގައި ރިސޯޓްތައް ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ އަހަރުގެ ފެބްރުއަރީ 3 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
މިކަމާ ގުޅޭ ގޮތުން ބާއްވާ ޕްރީ-ބިޑް މީޓިންތަކެއް އަންނަ މަހުގެ 9 އާއި ޖެނުއަރީ 6 ގައި އޮންލައިންކޮށް ބާއްވަން ހަމަޖެހިފައިވެއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ އެ ބައްދަލުވުންތަކުގައި ބައިވެރިވާން ރަޖިސްޓްރީ ވާނީ އަންނަ މަހުގެ 8 އާއި ޖެނުއަރީ 5 ގެ ކުރިން ކަމަށެވެ. ރަޖިސްޓްރީ ވާނީ ބައިވެރިވުމަށް އެދޭ ފަރާތުގެ ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯން ނަންބަރު މި މެއިލް އަށް planning@tourism.gov.mv ފޮނުވައިގެންނެވެ.
ސަރުކާރުން ދަނީ އުތުރުގައި ފަތުރުވެރިކަން ފުޅާ ކުރަން މަސައްކަތް ކުރަމުންނެވެ. މިގޮތުން މިހާރު އެ ސަރަހައްދުގައި އިތުރު އެއާޕޯޓްތައް އެޅުމުގެ މަސައްކަތް ކުރަމުންދާއިރު، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް، މިހާރު ހުލުވާފައިވުމުން، އެ ސަރަހައްދަށް އިންވެސްޓަރުންގެ ޝައުގުވެރިކަން ބޮޑުވެގެން ދާނެ ކަމަށް ސަރުކާރުން ގަބޫލު ކުރެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމަށް 53 އަހަރު ފުރިފައިވާއިރު، ފަތުރުވެރިކަން ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް އެންމެ އެދެވޭ މިންވަރަށް ފުޅާވެފައި ނުވާތީ، މިކަމަށް ހައްލުތަކެއް ހޯދުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ކޮންމެ އަތޮޅަކަށް ވަކިން މާސްޓަރ ޕްލޭން ހަދައި އެ އަތޮޅެއްގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް މާރކެޓިންގެ ޕްލޭނެއް ވެސް އެކުލަވާލުވުމުގެ މަސައްކަތް ކުރައްވަމުން ދާކަން ވަނީ ފާހަގަ ކުރައްވާފައެވެ.
މީގެ ކުރިން މިނިސްޓަރ ވިދާޅުވީ އަލަށް އިސްލާހު ގެނެވުނު ޓޫރިޒަމް ގާނޫނަކީ ޓޫއަރިޒަމް ދާއިރާ ކުރިއަށް އޮތްތަނުގައި ފުޅާވެ ރާއްޖެ އަންނަ ފަތުރުވެރިން އިތުރު ކުރުމަށް އެޅޭ އިތުރުބާރަކަށް ވެގެންދާނެކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ގެންދަވަނީ ގިނަގުނަ މަސައްކަތް ތަކެއް ކުރައްވަމުންނެވެ.