ސިއްހީ ދާއިރާ ތަރައްގީވަމުން އަންނައިރު އެދާއިރާއަށް ބޭނުންވާ ބޭހާއި އަދި އެނޫންވެސް ވަސީލަތް ހޯދުމަށް ހާއްސަ ކުންފުންޏެއް ގާއިމުވެގެންދިޔުމަކީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ހާއްސަ ކުންފުންޏެއް އުފެއްދެވީ މިއަހަރުގެ ސެޕްޓެންބަރު މަހުއެވެ. ބޭހާއި ސިއްހީ ދާއިރާއަށް ބޭނުންވާ މެޑިކަލް ކޮންސިއުމަބަލްސް އެތެރެކުރުމަށް އުފައްދަވާފައިވާ ކުންފުންޏާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއިން ގެނެސްދޭ “ހަފްތާ 104” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ، އެއީ ސިއްހީ ދާއިރާ އިތުރަށް ތަރައްގީކުރުމަށް މުހިންމުކަމެއްކަމަށެވެ.
އެގޮތުން އަތޮޅުތަކާއި މާލޭގެ ހޮސްޕިޓަލްތަކުގެ ފެންވަރު އަހަރުން އަހަރަށް މަތިވަމުން އަންނައިރު އެތަންތަނަށް ބޭނުންވާ ބޭހާއި ވަސީލަތްތައް އިތުރުވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އެކަމަށް ހާއްސަ ކުންފުންޏެއް އުފެއްދުމާއެކު މިހާރަށްވުރެ ސަމާލުކަމެއް ދެވިގެން ބޭހާއި ކޮންސިއުމަބްލްސް ގެނެވޭނެ މަގުފަހިވާނެކަމަށް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ، ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް މިއީ މުހިންމު ފިޔަވަޅެއްކަމަށެވެ. ކުންފުނި ކޮޅަށް ޖެހުމަށް ބޭނުންވާ އިދާރީ މަސައްކަތްތައް މިހާރު ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.
ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަނަކީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ރާއްޖެ އެތެރެކުރުމުގެ މަސައްކަތް ފުޅާކުރުމުގެ ގޮތުން ސަރުކާރުން އުފައްދަވާފައިވާ ކުންފުންޏެކެވެ. ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަކަށް ޢައްޔަން ކުރައްވާފައިވަނީ ޞިއްޙީ ދާއިރާގައި ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެއްކަމަށްވާ ޑރ.ޝާހް މާހިރެވެ.
ގައުމީ ހެލްތު އިންޝުއަރެންސްގެ ނިޒާމުގެ ތެރެއިން އެންމެ ބޮޑު ހޭދައެއްކުރަނީ ބޭސް އެތެރެކުރުމަށެވެ. އެހެންކަމުން ބޭހާއި ވަސީލަތްތައް އެތެރެކުރުމަށް ހާއްސަ ކުންފުންޏެއް އައުމާއެކު ބޭހާއި ވަސީލަތްތައް ހޯދުމުގައި އިތުރު ފަސޭހަތަކެއް ލިބޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި މެދު ނުކެނޑި ބޭހާއި ވަޞީލަތް ހަމަކުރުމަށްވެސް މިއީ ކޮންމެހެން މުހިންމުކަމެއްކަމަށް ސަރުކާރުން ބުނެ އެވެ.