އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުގެ ކުރިން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލުގައި އެންމެ ޒަމާނީ އީގޭޓްތައް ހަރުކުރެވި ބޭނުންކުރަން ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ، އީގެޓުތައް ހަރުކުރުމުގެ މަސައްކަތް ފަށާފައިވާކަން ހާމަކުރައްވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ރައީސް ވިދާޅުވީ، ވީއައިއޭ ބޭނުންންކުރާ ދިވެހިންނާއި ފަތުރުވެރިން ބޯޑަރު ކޮންޓްރޯލް ކައުންޓަރުތަކުގައި ގިނައިރު ވަންދެން ކިއުގައި ހޭދަކުރަންޖެހޭ ޖެހުން ނިމުމަކަށް ގެނައުމަށްޓަކާ، އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ފީޗަރތައް ހިމެނޭ އީގޭޓްތައް އައު ޓާމިނަލުގައި ހަރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
ރައީސް ވިދާޅުވީ މިގޭޓުތަކުން އެއްފަހަރު ޕާސްޕޯޓު ސްކޭންކުރުމަށްފަހު، ދެން ބޯޑަރު ހުރަސްކުރާއިރު އޮތޮރައިޒް ކުރެވޭނީ ފޭޝަލް ރެކޮގްނިޝަންގެ ޒަރިއްޔާއިންކަމަށެވެ. 1 ޖެނުއަރީ 2026ގެ ކުރިން ވީއައިއޭގެ އައު ޓާމިނަލުގެ އެރައިވަލް އަދި ޑިޕާޗަރ ހިމެނޭހެން ކޮންމެ ޓާރމިނަލްއެއްގައި 10 ގޭޓް ހިމެނޭހެން ޖުމްލަ 20 ގޭޓް ހަރުކުރެވި ބޭނުންކުރަން ފަށާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން ރާއްޖޭގެ އެހެނިހެން އިންޓަރނޭޝަނަލް އެއާޕޯޓްތަކުގައިވެސް 2026 ވަނަ އަހަރު މިފަދަ އީގޭޓްތައް ހަރުކުރެވި، ބޭނުންކުރަންފެށޭނެކަމުގައި ރައީސް ވިދާޅުވިއެވެ.
އަހަރެއްގެ މައްޗަށް 7 މިލިޔަން މީހުންނަށް ހިދުމަތް ދެވޭ ފެންވަރަށް ތަރައްގީކޮށް ހުޅުވި، ވީއައިއޭގެ އާ ޓަރމިނަލާއެކު، މި ފަދަ ޒަމާނީ ގިނަ ހިދުމަތްތަކެއް ވަނީ ރާއްޖެއަށް ތައާރަފްވެފަ އެވެ. އަދި ދިވެހިރާއްޖެ 2.0 ސިޔާސަތުގެ ދަށުން، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ޑިޖިޓައިޒްކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ހަމަޖައްސަވައިދެއްވުމަކީ، މި ސަރުކާރުން އަހުމިއްޔަތުކަން ދޭ ކަމެކެވެ.