ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓަށް ބަދަލެއް ނުގެނެސް މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީން ފާސްކޮށްފި އެވެ.
އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ސަރުކާރުން ހުށަހެޅި ގޮތަށް ބަޖެޓު ފާސްކުރަން ހުށަހެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އެވެ. އެ ހުށަހެޅުން ފާސްވީ ކޮމިޓީގެ 10 މެންބަރެއްގެ ވޯޓާއެކު އެވެ.
ބަޖެޓު ފާސްކުރުމުގެ ކުރިން ކޮމިޓީގެ މުގައްރިރު އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ އަންނަ އަހަރަށް ބަޖެޓު އިތުރުކުރުމަށް ބައެއް އިދާރާތަކުން އެދުނު ނަމަވެސް އެކަން ކޮށްދެވެން ނެތް ކަމަށް ފިނޭންސް މިނިސްޓްރީން އަންގާފައިވާކަމަށެވެ. ނަމަވެސް، މަޖިލީހުން އިތުރަށް ބޭނުންވާ 3.5 މިލިއަން ބަޖެޓުގެ ތެރެއިން ހަމަޖައްސައިދޭނެ ކަމަށް ބުނެފައިވާކަން ސަލީމް ވިދާޅުވި އެވެ.
އަންނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 40.4 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެ އެެވެ. އެގޮތުން ޓެކުހުގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރަނީ 31.3 ބިލިއަން ރުފިޔާ އެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވެނީ 8.7 ބިލިއަން ރުފިޔާ އެވެ. ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރަނީ 373.6 މިލިއަން ރުފިޔާއެވެ.
ހަރަދުގެ ގޮތުގައި ހިނގާނީ 49.2 ބިލިޔަން ރުފިޔާއެވެ. އޭގެތެރޭގައި ހިމެނެނީ ރިކަރަންޓް ހަރަދުގެ ގޮތުގައި 39.9 ބިލިޔަން ރުފިޔާއާއި ކެޕިޓަލް ހަރަދުގެ ގޮތުގައި 9.3 ބިލިޔަން ރުފިޔާއެވެ.
އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓަކީ 9.4 ބިލިއަން ރުފިޔާ އެވެ. ބަޖެޓް ހުށައަޅުއްވަމުން ފިނޭންސް މިނިސްޓަރު ޒަމީރު ވިދާޅުވީ، ބަޖެޓުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ސިއްހީ ދާއިރާއަށްކަމަށެވެ.