ތިލަދުންމަތީ އުތުރުބުރީ ބާރަށުގައި ޓޫރިސްޓު ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ބަޔަކު ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން އަނެއްކާވެސް އިއުލާންކޮށްފި އެވެ.
އެރަށުގައި ހޮޓަލެއް ތަރައްއްގީ ކުރުމަށް ބަޔަކު ހޯދަމަށް ފުރަތަމަ އިއުލާން ކުރީ، މިދިޔަ ޖޫން މަަހުގެ 25 ވަނަ ދުވަހުއެވެ.
ޓޫރިޒަމް މިނިސްޓރީީން ބުނީ، ބާރަށުގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާ ހަތްދިހަ އެއްހާސް އަށްސަތޭކަ ތިރީސް ދޭއް މީޓަރުގެ ބިމުގައި ޓޫރިސްޓް ހޮޓަލެއް ތަރައްގިކޮށް ހިންގާނެ ފަރާތެއް ހޯދުމަށް އަލުން ބީލަމަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިގޮތަށް ނިންމީ، ކުރިން ހުޅުވާލި ފުރުސަތަށް އެދެވޭ މިންވަރަށް ހުށަހެޅުންތައް ލިބިފައިނުވާތީ ކަމަށް ބުނެފައި ވެއެވެ.
ޓޫރިޒަމް މިނިސްޓރީީން ބުނީ، ބާރަށުގައި ޓޫރިސްޓު ހޮޓަލެއް ތަރައްޤީކުރަން ބޭނުންވާ ފަރާތްތަކަށް 23 ޑިސެންބަރު 2025ވާ އަންގާރަ ދުވަހުގެ 10:00 ގައި ވަރޗުއަލްކޮށް ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމެއް އޮންނާނެ ކަމަށެވެ. އަދި 27 ޖަނަވަރީ 2026 ވާ އަންގާރަ ދުވަހުގެ 10:00 އަށް އެ ވުޒާރާއަށް ހާސިރުވެ ބީލަން ހުށަހެޅުއްވުމަށް އެދޭ ކަމަށެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދި، 22 ޑިސެންބަރު 2025 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން އެވުޒާރާގެ އީމެއިލް އެޑްރެސްއަށް ބައިވެރިވާ ފަރާތެއްގެ ނަމާއި، އީމެއިލް އެޑްރެސް އަދި ފޯނު ނަންބަރު އީމެއިލް ކުރުމަށް ވަނީ އެދިފަ އެވެ. ބީލަން ފޮތް ލިބޭނީ، 19 ނޮވެންބަރު 2025 ވާ ބުދަ ދުވަހުން ފެށިގެން 26 ޖަނަވަރީ 2026 ވާ ހޯމަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 13:00 އާއި ދެމެދު އެވުޒާރާގެ ރިސެޕްޝަނުން ނުވަތަ އީމެއިލްގެ ޒަރިއްޔާއިންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަތޮޅުތަކުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިދިޔަ އަހަރު ހއ.ބާރަށަށް ވަޑައިގެން ވިދާޅުވީ، ތިމާވެއްޓާއި ރަށްޓެހި ނުވަތަ އީކޯ ޓޫއަރިޒަމްގެ ބިޔަ މަޝްރޫޢެއް ސަރުކާރުން ބާރަށުގައި ކުރިއަށް ގެންދެއްވާނެ ކަަމަށެވެ. ރައީސް ވިދާޅުވީ، ބައިނަލްއަޤްވާމީ ބިޑިންއަކަށް ހުޅުވާލައިގެން އިކޯ ޓުއަރިޒަމް މަޝްރޫޢު ކުރިއަށް ގެންދަވާނީ، އަމިއްލަ ފަރާތްތަކަށް ފުރުޞަތު އިތުރު ކުރުމަށް ކަމަށެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ރަށުގައި ވަޒީފާގެ ފުރުޞަތުތަކާއި އާމްދަނީ އިތުރުވެ، ރަށުގެ އާއްމު ހާލަތުވެސް ރަނގަޅުވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.