ބޭންކު ހިންގަނީ ފައިދާގައި ކަމަށާއި މިހާރު ބައިނަލްއަގުވާމީ ބޭންކުތަކުންވެސް ބީއެމްއެލް ބަލައިގަނެފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ހަފުތާ 104 ޕްރޮގްރާމުގައި ވޭތުވެދިޔަ 2 އަހަރު ބޭންކް އޮފް މޯލްޑިވްސްއިން ހޯދި މުހިންމު ކާމިޔާބީތަކަށް ޝަރީފް ވަނީ އަލިއަޅުވާލައްވާފައެވެ.
ބީއެމްއެލްއަކީ، ރާއްޖޭގައި ހިންގާ އެންމެ ބޮޑު އަދި އެންމެ ގިނަ ކަސްޓަމަރުން ތިބި ބޭންކެވެ. ޝަރީފް ވިދާޅުވީ، ބޭންކުގެ ހިންގުމާއި އޭނާ ހަވާލުވެ ވަޑައިގެންނެވިއިރު ބޭންކަށް ގިނަ ގޮންޖެހުންތަކެއް ހުރި ކަމަށެވެ. އެގޮތުން ކޯވިޑާއެކު ފޮރިން އެކްސްޗޭންޖް ޕޮޒިޝަން ދަށްވެގެން ދިޔަ ގޮތަށް އެކަމުން އަރައި ނުގަނެވި އޮތް ކަމަށެވެ. ނަމަވެސް މިހާރު ސަރުކާރުގެ އެހީތެރިކަމާއެކު އެ ހަލާތުން އަރައިގަނެވިފައިވާ ކަމަށެވެ. އަދި ބޭންކުގެ މާލީ ހާލަތުވެސް ރަނގަޅުކަން ސީއީއޯ ޝަރީފް ވަނީ ފާހަގަކުރައްވާފައެވެ.
ސީއީއޯ ޝަރީފް ވިދާޅުވީ، ބޭންކަށް ފައިދާވަމުންދާއިރު ބޭންކުން މަސައްކަތް ކުރަނީ، އާންމުންނަށްވެސް އެކަމުގެ މަންފާ ކުރާނެ އުސޫލެއްގެ ތެރެއިން ކަމަށެވެ. މިގޮތުން އާންމު އިޖްތިމާޢީ ޒިންމާގެ ދަށުން ބޭންކުން ޚަރަދުތަކެއް ކުރައްވާ ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، 10 މިލިޔަން ރުފިޔާގެ ކެޕިޓަލްއަކުން ބޭންކު ފެށި ނަމަވެސް މިއަދު 15 ބިލިޔަން ރުފިޔާގެ ކެޕިޓަލްއަކަށް އައިސްފައިވާ ކަމަށެވެ. އެހެން ކަމުން ވިޔަފާރި ފައިދާ އިތުރުކޮށް ކެޕިޓަލް ބޭސް ބޮޑުކުރަނީވެސް ރައްޔިތުންނަށް އޭގެ މަންފާ ހޯދައިދިނުމަށް ކަމަށް ވިދާޅުވިއެވެ.
“އަޅުގަނޑުމެން ބޭނުންވޭ މިއަށްވުރެވެސް ބޮޑަށް ކެޕިޓަލް އިތުރުކޮށް ރާއްޖެއިން ބޭރަށްވެސް ފުޅާވެގެންދާން. އެގޮތަށް ބަލާއިރު ބޭންކް މިއޮތީ، އެ ލެވެލްއަށް އާދެވިފައި. ބޭންކުގެ ވިޔަފާރިތައް ރަނގަޅު. ބޭންކުގެ ރިސްކް މެނޭޖްމެންޓް ވަރަށް ވަރުގަދަ. އަޅުގަނޑުމެން ކުރާ އެއް ކަމެއް ރާއްޖެއިން ބޭރުގެ ބޭންކުތަކަށް ބޭންކު ޕްރެޒެންޓު ކުރަން. އެއީ ގުޅުން ޤާއިމްކުރުމަށް. އެބޭފުޅުންވެސް ޤަބޫލުކުރައްވާ ބޭންކުގެ ސްޓްރެންތު.” ޝަރީފް ވިދާޅުވިއެވެ.
ބީއެމްއެލްގެ ހިދުމަތް ފުޅާކޮށް ވިޔަފާރީގެ ކުރިއެރުން ހޯދަމުންދާއިރު، އޭނާ ވަނީ ބޭންކު ހިންގަމުންދަނީ ޤާނޫނުތަކާއި، ޤަވާއިދުތަކާއި އެއްގޮތަށް ކަމަށް ވިދާޅުވެފައެވެ. އަދި ބޭންކުން ހިދުމަތް ދެނީ، އަބަދުވެސް ބޭންކުގެ ކަސްޓަމަރުންނާއި ޙިއްސާދާރުންގެ މަސްލަޙަތައް ބަލައިގެން ކަމުގެ ޔަޤީންކަން ސީއީއޯ މުހައްމަދު ޝަރީފް ވަނީ ދެއްވާފައެވެ.