އއ މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރާލި އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލާގައި ހައްޔަރުކުރި ތިން މީހުންނަށް ދައުވާކޮށްފި އެވެ.
އަބްދުއްރަހުމާން އާދަމް މަރުވެފައިވަނީ މިއަހަރުގެ ޖުލައި 12 ވަނަ ދުވަހުގެ ރޭ، އޭނާގެ އަނބިމީހާ ނާޒިމާގެ ގެ މާހިޔައިގައި ނިދާފައި އޮއްވައި ދިން ހަމަލާއަކާ ގުޅިގެންނެވެ. އަބްދުއްރަހުމާނަށް ހަމަލާދީފައި އޮއްވައި ފެނުނު މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ އެ ރޭ ދަންވަރު 1:50 ހާއިރުއެވެ. އޭނާ މަރުވީ މާޅޮހު ސިއްހީ މަރުކަޒުގައި ފަރުވާދެމުންދަނިކޮށެވެ.
މި މައްސަލާގައި އޮގަސްޓް މަހުގެ 21 ވަނަ ދުވަހު، އެރަށު ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ
- އއ. މާޅޮސް، ފިޔަ، އަހުމަދު އާޝިދު (27 އަހަރު)
- އއ. މާޅޮސް، ލިލީފެހި، މުހައްމަދު ވިސާމް (22 އަހަރު)
- އއ. މާޅޮސް، ފިނިވާގެ، އަހުމަދު ފާރިސް (27 އަހަރު)
މި މައްސަލާގައި އާސިދުގެ މައްޗަށް ކޮށްފައިވަނީ، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. ވިސާމް އާއި ފާރިސްގެ މައްޗަށް ކޮށްފައިވަނީ، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.
ޕީޖީ އޮފީހުން ބުނީ މި މީހުންގެ މައްޗަށް ދައުވާ ކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހުށައަޅާފައިވާކަމަށެވެ.