އިދިކޮޅު އެމްޑީޕީން އޮކްޓޫބަރު 3 ގައި މާލޭގައި ބޭއްވި ބޮޑު މުޒާހަރާއިން ހައްޔަރުކުރި 8 މީހަކަށް ދައުވާނުކުރަން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ނިންމައިފި އެވެ.
މުޒާހަރާއިން ހައްޔަރުކުރި އަށް މީހުން:
- ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު، ޔައުގޫބު އަބްދުﷲ
- ކުޅުދުއްފުށީ އުތުރު ދާއިރާގެ ކުރީގެ މެމްބަރު، ޔާސިރު އަބްދުއްލަތީފް
- މާފުށީ ކައުންސިލްގެ ރައީސް، ހަސަން ސަލާހު
- އަޒީމް އަލީ
- އަލީ ޖުމާން
- މުހައްމަދު ހަލަފް އިބްރާހީމް
- ހުސައިން ޝާކިރު
މި މީހުންގެ މައްޗަށް ދެ ދައުވާއެއް ކުރުމަށް ފުލުހުން ވަނީ ޕީޖީއަށް ފޮނުވާފައެވެ. އެއީ، ގާނޫނުލްއުގޫބާތުގެ 532 ވަނަ މާއްދާގެ ދަށުން ގާނޫނު ތަންފީޒްކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާއާއި، 533 ވަނަ މާއްދާގެ ދަށުން ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އެވެ.
ޕީޖީ އޮފީހުން ބުނީ، މި މައްސަލާގައި ލިބިފައިވާ ހެކިތަކަށް ރިއާޔަތްކޮށް ބެލިއިރު، ތުހުމަތުކުރެވޭ އަމަލުތައް އެމީހުން ހިންގާފައިވަނީ އަސާސީ ހައްގެއް ބޭނުންކުރުމުގެ ތެރެއިން ކަމަށް ބުރަވެވޭކަމަށެވެ. މި މީހުންގެ އަމަލެއްގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް ޕީޖީން ބުނެ އެވެ. އެހެންކަމުން މި މީހުންގެ މައްޗަށް ދައުވާކުރުމުގެ މަސްލަހަތު އޮތް ކަމަށް ނުފެންނާތީ، މައްސަލާގައި ދައުވާ ނުކުރުމަށް ނިންމާފައިވާކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
މި އަށް މީހުންގެ އިތުރުންވެސް 10 މީހެއްގެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ. އެ ބައިގެ ތަހުގީގު ނިމުމުން ދައުވާކުރުމާމެދު ގޮތެއް ނިންމާނެކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.