ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލުން، ލޯ-ކޯސްޓް ދެ އެއާލައިން ކަމަށްވާ, އެއާއޭޝިއާ މެލޭޝިޔާ އަދި ތައި އެއާއޭޝިއާ އަށް ހިދުމަތް ދޭން ފަށައިފިއެވެ.
އައު ޓާމިނަލުން އިން މި ދެ އެއާލައިނަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލްގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ. ރަސްމިއްޔާތުގައި އެއާއޭޝިއާ ގުރޫޕުގެ ސްޓޭޝަން މެނޭޖަރު އިބްރާހިމް އަބްދުލް ކަރީމް އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިރަސްމިއްޔާތުގައި ދެ އެއާލައިންގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެއާއޭޝިއާ މެލޭޝިޔާ އިން ފުރި 135 ފަސިންޖަރުނާއި ތައި އެއާއޭޝިއާ އިން ފުރި 144 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. އަދި ޓާމިނަލްއަށް ކައިރި ކުރި އެއާއޭޝިއާ މެލޭޝިޔާގެ ފުރަތަމަ ފްލައިޓް, AK074 އިން ރާއްޖެ އައި 164 ފަސިންޖަރުންނާއި ތައި އެއާއޭޝިއާގެ ފުރަތަމަ ފްލައިޓް, FD175 އިން ރާއްޖެ އައި 138 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.
އެއާއޭޝިއާ މެލޭޝިއާ އިން ރާއްޖެއަށް ދަތުރުތައް ފެށީ 22 އޮކްޓޫބަރު 2015 ގައެވެ. ތައި އެއާއޭޝިއާ އިން ރާއްޖެއަށް ދަތުރުތައް ފެށީ 11 އޮގަސްޓް 2017 ގައެވެ.
އެއާއޭޝިއާ ގުރޫޕްގެ ދެ އެއާލައިންއާއެކު, 26 ޖުލައި 2025ގައި ހުޅުވި އައު ޓާމިނަލްއިން ހިދުމަތް ދޭން ފެށި އެއާލައިންތަކުގެ އަދަދު ވަނީ 25 އަށް އިތުރުވެފައެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުންކަމަށް އެކުންފުނިން ބުނެ އެވެ.