ދުނިޔޭގެ އެންމެ ބޮޑު އެއް ޓެކްނޮލޮޖީ ކުންފުނި ކަމަށްވާ ގޫގުލްއިން ދިވެހިރާއްޖޭގައި އިންޓަރނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަންއެއް ގާއިމުކުރުމަށް ނިންމައިފިއެވެ.
ގޫގުލްއިން މި ބޮޑު އިންވެސްޓްމަންޓް ކުރަނީ އައްޑޫ ސިޓީގެ ހިތަދޫގައި އިންޓަރނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިންގ ސްޓޭޝަންއަކާއި ނެޓްވަރކް ފެސިލިޓީއެއް ގާއިމުކުރުމަށެވެ. މި މަޝްރޫއުއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެމެރިކާގެ ނިއުޔޯކް ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ގޫގުލްގެ އެގްޒެކެޓިވްސްއާ ބޭއްވި މަޝްވަރާތަކަށްފަހު ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ މަޝްރޫއެކެވެ.
މި ފެސިލިޓީއާއެކު ރާއްޖެ ވެގެންދާނީ އޭޝިއާ، އޯޝޭނިއާ، އެފްރިކާ، މެދުއިރުމަތި އަދި ޔޫރަޕު ހިމެނޭގޮތަށް އިތުބާރުހުރި ޑިޖިޓަލް ގޭޓްވޭއެއްގެ ގޮތުގައެވެ. މިއީ އިންޑިއާ ކަނޑުގައި ގާއިމުވެގެންދާ ވިލިޒަށް ކަނެކްޓިވިޓީ ކޮރިޑޯގައި ރާއްޖެ މައި ހަބެއްގެ ގޮތުގައި ގާއިމްވުމަށް ލިބިގެންދާ ފުރުސަތެކެވެ. މާލެއާއި ހުޅުމާލޭގައި މިހާރު ގާއިމުކޮށްފައިވާ ކަނެކްޓިވިޓީ ޕޮއިންޓްތަކުގެ އިތުރުން އައްޑޫ ސިޓީގައި މި ޕޮއިންޓް ގާއިމުކުރެވުމުން، ރާއްޖޭގެ އިގްތިސާދީ ތަރައްގީއަށް މަގުފަހިވެ، ސަރަހައްދީ މުވާސަލާތީ މައި މަރުކަޒެއްގެ ގޮތުގައި ރާއްޖެއަށް ކުރިއެރުން ލިބިގެންދާނެއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، މި އިންވެސްޓްމަންޓަކީ ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުޤުވެރިވާ މިންވަރު ހާމަކޮށްދޭ ކަމެއްކަމަށެވެ. އަދި ކްލައުޑް ސަރވިސަސް، ފިންޓެކް، ޑިޖިޓަލް ކޮންޓެންޓް، އަދި ޓެކްނޮލޮޖީ ސްޓާރޓް-އަޕްސް ފަދަ ދާއިރާތައް ދިވެހިރާއްޖޭގައި އިތުރަށް ތަރައްގީ ކުރުމުގެ ފުރުސަތު ދައްކުވައިދޭކަމަށެެވެ.
ފަތުރުވެރިކަމުގެ އިތުރުން ރާއްޖޭގެ އިގްތިސަދީ ސިންދަފާތުކޮށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި މި މަޝްރޫޢު މުހިންމު ދައުރެއް އަދާކުރާނެއެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިހާރު ރާއްޖޭގައި ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތް ފޯރުކޮށްދޭ ތަޖުރިބާކާރު ދެ ކުންފުނިކަމަށްވާ ދިރާގާއި އުރީދޫ މޯލްޑިވްސްގެ ބައިވެރިވުމާއެކުގައެވެ.
ރައީސް މުއިއްޒުގެ އުމީ ތަރައްގީ އެޖެންޑާއާ އެއްގޮތްވާ ގޮތުގެމަތިން، މި އިންވެސްޓްމަންޓަކީ ޑިޖިޓަލް އިންގިލާބީ ބަދަލުތައް ގެނުވައި، އުމްރާނީ ތަރައްގީއަށް މަގުފަހިވެގެންދާނެ އިންވެސްޓްމަންޓެކެވެ.