އަންނަ ޖެނުއަރީ މަހުން ފެށިގެން ނަފްސާނީ ބަލިތަކަށް ކުރާ ހުރިހާ ހަރަދެއް އާސަންދައިން ހަމަޖެހޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ، ސަރުކާރަށް ދެ އަހަރު ފުރުމާއި ގުޅިގެން ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ނަފްސާނީ ފަރުވާ އާސަންދައިގެ ތެރެއިން މިއަދާ ޖެހެންދެންވެސް ކަވަރު ނުކުރާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެއީ ހައިރާންވެވަޑައިގަންނަވާ ކަމެއްކަމަށެވެ. އެކަން ނިމުމަކަށް ގެނެސް އެކެއް ޖެނުއަރީން ފެށިގެން ނަފްސާނީ ބަލީގެ ފަރުވާގެ ހުރިހާ ހަރަދެއް އާސަންދައިން ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ނަފްސާނީ ބަލީގެ ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކަރުން ހާއްސަ ސަމާލުކަމެއް ދެއްވާނެކަމަށެވެ. އެގޮތުން ގުރައިދޫގައި ހުންނަ މަރުކަޒު އިތުރަށް ތަރައްގީކުރުމަށް 50 މިލިއަން ރުފިޔާގެ މަޝްރޫއެއް ފުރަތަމަ ފަހަރަށް ކުރިއަށްގެންދަވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން ގާއިމުކޮށްފައިވާ ނަފްސާނީ ބަލީގެ ގާއްސަ ހޮޓްލައިނަށް ދެއަހަރުގެ ތެރޭގައި 10،000 އެއްހާ މީހުން ގުޅައި ހިދުމަތް ހޯދާފައި ވެއެެވެ.
ރައީސް އިތުރަށް ވިދާޅުވީ، އާންމު ސިއްހަތު ރައްކާތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެންމެ މުހިންމު ކަމަކީ ހޮސްޕިޓަލްތައް ބިނާ ކުރުމަށް ކުރާ މަސައްކަތްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝިއަރީ ހޮސްޕިޓަލްތައް އެޅުމަށްޓަކައި މަސައްކަތް ފެށި އެކިއެކި މަރުހަލާތަކުގައި އެކަން ކުރިޔަށްދާކަމަށެވެ. މިއީ ސަރަހައްދީ ތަރައްގީގެ ތެރެއިން އެންމެ މަތީ ފެންވަރުގައި ހިދުމަތްތައް ދިނުމަށް ކުރާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.