ކުރިއަށް އޮތް ތިން އަހަރަކީ ތަރައްގީގެ މަޝްރޫއުތައް ބާރު ސްޕީޑްގައި ކުރިއަށްގެންދަވާނެ ތިން އަހަރުކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރަށް ދެއަހަރު ފުރުމުގެ މުނާސަބަތުގައި ޕަބްލިކް ސަރވިސް މީޑިޔާއަށް ދެއްވި ހައްސަ ބަސްދީގަތުމެއްގައެވެ.
ވޭތުވެދިޔަ ދެއަހަރު ކުރިއަށް ގެންދަވާފައިވާ މަސައްކަތްތަކާއި ލިބިވަޑައިގެންފައިވާ ކާމިޔާބީތަކަށް ބައްލަވާލައްވަމުން ނައިބު ރައީސް ވިދާޅުވީ، ސަރުކާރާއި ދައުލަތް ހިންގެވުމާއި ހަވާލުވެވަޑައިގެންނެވި އިރު، ދައުލަތާއި ގައުމުގެ ހާލަތު އޮތް ގޮތް އެނގިވަޑައިގަންނަވާ ކަމަށެވެ.
އެގޮތުން، ވެރިކަމުގެ ފުރަތަމަ ދެތިން މަހުގެ ތެރޭގައި، އޭރު އޮތް ރައްޔިތުން މަޖިލިހުގެ މެޖޯރިޓީ އޮތީ އިދިކޮޅަށް ކަމަށްވުމުން، ސަރުކާރުން ހިންގަން ބޭނުންވި ތަރައްގީގެ ގިނަ މަޝްރޫއުތަކަށް މާލީ ދަތިކުރުންތައް ކުރިމަތިކުރުވިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ގާނޫނީ ގޮތުން އިންތިހާބުވެފައިވާ ސަރުކާރެއް މަޖިލިހުގެ ތެރެއިން ވައްޓާލުމަށްވެސް މަސައްކަތްކުރެއްވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނައިބް ރައީސް ވިދާޅުވީ އެ ގޮންޖެހުންތަކާއި ކުރިމަތިލައްވައި، ދައުލަތް ހިންގުމަށް އޮތް ހިރާސްތައް ގިރާކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އިސްކުރެއްވި ދުރުވިސްނުންފުޅު ފާހަގަކުރައްވިއެވެ. ކުރިއަށް އޮތް ތިން އަހަރަކީ ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރުގެ މައްޗަށް ބިނާވެފައިވާ ގައުމީ ތަރަައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގޭނޭ ތިން އަހަރުކަމަށްވެސް ނައިބް ރައީސް ވިދަޅުވިއެވެ.
ދަތި އުނދަގޫ، ނަމަވެސް އެކަމެއް ކުރުމުގެ ސަބަބުން ގިނަ ރައްޔިތުންނަށް ފައިދާވާ ކަންކަން ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފަސްޖެހިވަޑައިނުގަންނަވާކަން ފާހަގަކުރައްވައި، ނައިބު ރައީސް ވިދާޅުވީ މިފަދަ ކަންކަމަކީ ދުރާލާ ރޭވިގެން، މުވައްސަސާތަކަށް ދޭންޖެހޭ ގާނޫނީ ބާރުވެރިކަން ދީގެން، ކުރިއަށް ގެންދެވޭ ކަންކަން ކަމަށެވެ. މީގެ ސަބަބުން، ހެޔޮ ވެރިކަމުގެ ނިޝާންތައް ފެންނަމުންދާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރާއި ދައުލަތް ހިންގުމުގަައި ރައީސުލްޖުމްހޫރިއްޔާ ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށާއި އެމަނިކުފާނު އަތޮޅުތަކުގެ ތެރެއަށް ކުރައްވާ ދަތުރުފުޅުތަކުގައިވެސް ހުއްޓަވާނުލައްވައި މަސައްކަތްކުރައްވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.
އަދި، ރައީސުލްޖުމްހޫރިއްޔާގެ އަމާޒާއި ވިސްނުންފުޅު އަބަދުވެސް ގެންގުޅުއްވަނީ އެކި ދާއިރާތަކުން ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން، ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ މަސައްކަތް އަވަސްކޮށް، އެއަރޕޯޓް ހުޅުވުމާއި، އެތެރޭގެ އުދުހުންތައް ފުޅާކުރުމާއި، ދަތުރުފަތުރުގެ ނިޒާމް ހަރުދަނާކުރުން ހިމެނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރަށް ރައްޔިތުން މިހާތަނަށް ދެއްވާފައިވާ ތާއީދާ، ކުރައްވާ އިތުބާރު، ރައީސުލްޖުމްހޫރިއްޔާ ދަމަހައްޓަވަމުން ގެންދަވާނޭކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްވިއެވެ. އަދި، ޤައުމުގައި ހުރި މުހިންމު ކަންކަމަށް ހައްލު ހޯއްދަވައިދެއްވައި، އަސާސީ ހައްގުތައް ކަށަވަރުކޮށްދެއްވައި، އާމްދަނީ އިތުރުކޮށް، އިޤުތިޞާދީ އަދި އިޖްތިމާޢީ ހަމަޖެހުން ކަށަވަރުކުރުމުގައި ސަރުކާރުން ކެނޑިނޭޅި މަސައްކަތްކުރައްވަމުން ގެންދަވާނޭ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.