މާލިމީކަމުގައި ރާއްޖޭގެ އިގްތިސާދު ރަނގަޅު ދިމާލަކަށް ދަތުރުކުރަމުން އަންނަ ކަމަށާއި، އިންވެސްޓަރުންގެ އިތުބާރު ބޮޑުތަނުން އިތުރުވެއްޖެ ކަމަށް މި ސަރުކާރުގެ މިނިސްޓަރުން ރައީސަށް ތައުރީފްކުރައްވައިފިއެވެ.
މިއަދު ކުރެއްވި ޕޯސްޓުތަކެއްގެ ތެރެއިން ‘އެކްސް’ގައި މި ސަރުކާރުގެ އިގްތިސޯދާ ބެހޭ ވަޒީރު މުހައްމަދު ސައީދު ލިޔުއްވިގޮތުގައި، ސަރުކާރަށް ދެ އަހަރު ފުރުނުއިރު ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ ދިވެހިރާއްޖެ، އަސާސްތަކެއްގައި ހިފަހައްޓަމުން އަންނަ ޑިމޮކްރަސީއަކާ ދިމާލަށް މިސްރާބު ޖެހުމެވެ.
ސިޔާސީގޮތުން އަމިއްލަ ފައިމައްޗަށް ތެދުވެ އެގޮތުގައި ހިފެހެއްޓުމާއި، ގައުމީ ތަރައްގީގެ ދުވެލި އަވަސްކުރުމާއި، ސަލާމަތީ ކަންކަން ވަރުގަދަކުރުން؛ މިއީ ވަރުގަދަ ދިމިގުރާތީ ދައުލަތެއް ބިނާވެގެންވާ މައި ތިން ތަނބު، މި ތިން ތަނބު ވަރުގަދަކުރުމަށް މަނިކުފާނު ވަނީ ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވައިފައި، ރައީސަށް ތައުރީފްކުރައްވައި، ސައީދު ލިޔުއްވާފައިވެއެވެ. އަދި މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ލިޔުއްވީ އަޑި ނޭންގޭ މާކަނޑުގެ ބިޔަރާޅުތަކުގެ ތެރެގައި ބެހިގެން ގެނބިގެން ދަނިކޮށް ޤައުމުގެ ހުންގާނާ ހަވާލުވެވަޑައިގެން ސަލާމަތުގެ އައްސޭރިއަަށް ހޭރިއާކުރެއްވުމުގައި ރައީސް މުއިއްޒު ނިންމެވި މުހިއްމު ނިންމެވުންތަކަކީ އުނދަގޫފުޅު އެހެނަސް ޔަޤީންކަމާއެކު މި ‘ދިވެހީންގެރާއްޖެ’ ސަލާމަތުގެ އައްސޭރިއަށް ބަނދަރުކުރާނެ ނިންމެވުންތަކެއް ކަމަށް ދިވެހި ލޮބުވެތި އެންމެހާ ރައްޔިތުން މިއަދު ޔަގީންކުރައްވާ ކަމަށް މިނިސްޓަރުން ވިދާޅުވިއެވެ.
ނިމިގެން މި ދިޔައީ “ވަރަށް ކާމިޔާބު” ދެ އަހަރުގެ ގޮތުގައި ސިފަކުރައްވައި، ސިޓީތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ލިޔުއްވިގޮތުގައި، މިއީ ރައީސްގެ މާލިމީކަމުގެ ދަށުން އެންމެން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާއެވެ.
މިއަދު މި ސަރުކާރަށް ދެ އަހަރު ފުރޭތީ، ރައްޔިތުންގެ މަޖިލީހުގެ މިިއަދުގެ ޖަލްސާ ފަށްޓަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ، މިއަދަކީ “ދިވެހީންގެ ރާއްޖެ”އަކަށް އަލިވިލުނުތާ ދެ އަހަރު ފުރޭ އުފާވެރި ދުވަސް ކަމަށެވެ.