“ބޯހިޔާވަހިކަން އެންމެނަށް” ސިޔާސަތުގެ ދަށުން ގޯތި ދޫކުރާ ފުރަތަމަ ސްކީމަށް ކުރިމަތިލުމުގެ އުސޫލުތައް އާންމުކޮށްފި އެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ވަނީ ގްރޭޓަރ މާލެ ސަރަޙައްދުންނާއި ރަސްމާލެއިން ބިން ދޫކުރުމުގެ އުސޫލު ގެޒެޓުކޮށްފައެވެ. މި އުސޫލުގެ ދަށުން ޖުމްލަ 15،000 ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލާނެކެމަށް ވުޒާރާއިން ބުނެ އެވެ. މި ގޯތިތައް ބެހިފަވާ ކެޓަގަރީތައްވެސް ވަނީ އިއުލާނުކޮށްފަ އެވެ.
- މާލެ ރަށްވެހިން 10،000 ގޯތި
- އުފަންވީއްސުރެ ފެށިގެން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް 7000 ގޯތި
- މާލޭ ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް – 1000 ގޯތި
- ފަހުން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް – 2000 ގޯތި
- މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިން – 3000 ގޯތި
- މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަޙުރޫމްވެފައިވާ ފަރާތްތައް – 500 ގޯތި
ގޯއްޗަށް އެދި ހުށައެޅުމުގެ އުސޫލާއި ޝަރުތުތައް އަދި ޕޮއިންޓްދޭނެ އުސޫލުތަކުގެ ގަވައިދު މިހާރުވަނީ ސަރުކާރުގެ ގެޒެޓުގައި އާއްމުކޮށްފައެވެ. ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ މި އުސޫލުގެދަށުން ދޫކުރުމަށް ހަމަޖެހިފަވަނީ 1،250 އަކަފޫޓުގެ ގޯތިތައްކަމަށެވެ.
މި އުސޫލުގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު 04 ޖަނަވަރީ 2026އިން ފެށިގެން 03 މާރިޗު 2026ގެ ނިޔަލަށް މިހާރު ވަނީ ހުޅުވާލާފައެވެ. ފޯމު ހުށައަޅާނީ ސަރުކާރުން ބޯހިޔާވާހިކަމުގެ މަޝްރޫއުތަކާ ގުޅޭ މަސައްކަތްތައް ކުރިއަށްގެންދާ www.hiyaavehi.gov.mv މެދުވެރިކޮށެވެ.
އެގޮތުން އެޕްލިކޭޝަން ހުށަހެޅުއްވޭނީ “މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުޞޫލު” ނުވަތަ “މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޫކުރުމުގެ އުޞޫލު” ގެ ތެރެއިން ކޮންމެވެސް އެއް އުޞޫލެއްގެ ދަށުންނެވެ.